ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ޚާންގެ ފިލްމު ކުންފުނިން އުފައްދާ އާ ފިލްމު މަޝްހޫރު އެކްޓަރު ސަލްމާން ޚާނަށް ހުށައަޅައިފި އެވެ.

މިފިލްމު ވެގެންދާނީ އާމިރު ޚާނާއި ސަލްމާން ޚާން 30 އަހަރު ފަހު އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމަށެވެ. މި ދެ ފަންނާނުން މީގެ ކުރިން ފެނިގެން ގޮސްފައިވަނީ 1994 އަހަރު ނެރުނު ކޮމެޑީ ފިލްމު "އަންދާޒް އަޕްނާ އަޕްނާ" އިންނެވެ. މިފިލްމަކީ ބޮލީވުޑް ބޮޑު ކާމިޔާބެއް ހޯދި ފިލްމެކެވެ.

ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އާމިރުގެ ފިލްމު ކުންފުނި، އާމިރު ޚާން ޕްރޮޑަކްޝަނުން ގާތް އެކުވެރިޔާ ސަލްމާނަށް ހުށަހެޅީ މިދިޔަ އަހަރުގެ "ލާލް ސިންގް ޗައްޑާ" އަށް ފަހު އާމިރު ކުޅެން އޮތް، ޑައިރެކްޓަރު އާރްއެސް ޕްރަސައްނާގެ ފިލްމެކެވެ. މި ފިލްމަކީ ސްޕެއިންގެ ފިލްމެއް ކަމަށްވާ 2018 ގެ "ޗެމްޕިއަންސް" ގެ ހިންދީ ރީމެކެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި "ޗެމްޕިއަންސް" ގެ ރިމޭކް ކުޅެދޭން ސަލްމާނަށް ހުށަހަޅައި މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އޭނަ ފިލްމަށް އެއްބަސްވާނެކަމުގެ އިޝާރާތެއް ވެސް ދީފައިވާތީ، މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމީކޮށް ފިލްމު އިއުލާން ކުރާނެ އެވެ.

ސަލްމާން އާމިރުގެ އާއިލާ މީހުންނާއެކު ފޮޓޯއަކަށް ހުއްޓިގެން

ކޮމެޑީ ޑްރާމާއެއްގެ ގޮތުގައި ގެނެސްދިން ފިލްމުގައި ކިޔައިދިނީ ހާއްސަ އެހީ އަށް ބޭނުންވާ ބަޔަކު ހިމެނޭ ބާސްކެޓް ޓީމަކަށް މުބާރާތެއް ކާމިޔާބުކޮށްދޭން "އާދަޔާހިލާފު" ކޯޗަކު ކުރާ މަސައްކަތެވެ.

އާމިރު ކުރިން ބުނެފައި ވަނީ "ޗެމްޕިއަންސް" އަކީ ވަރަށް ޝައުގުވެރި ފިލްމެއް ކަމަށާއި ޑައިރެކްޓަރު ޕްރަސައްނާ ހަދަން އުޅޭ ރިމޭކްގެ ސްކްރީޕްލޭ ވެސް ވަރަށް ފުރިހަމަ ކަމަށެވެ.

މިދިޔަ ހަފްތާގައި އާމިރު ޚާންގެ ގެއިން ސަލްމާން ވަރަށް ގިނައިން ފެނިގެން ގޮސްފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.