މިދިޔަ މަހު ރާއްޖެއަށް ރެކޯޑު އަދަދަކަށް ޓޫރިސްޓުން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ރާއްޖެއަށް 172،535 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ.
މި އަދަދަކީ މިދިޔަ އަހަރު އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް އައި 131،762 (އެއް ލައްކަ ތިރީސް އެއް ހާސް ހަތް ސަތޭކަ ފަސްދޮޅަސް ދޭއް) ފަތުރުވެރިންނާއި އަޅާ ބަލާއިރު، 30.9 ޕަސެންޓް އިތުރު އަދަދެކެވެ. އަދި ކޮވިޑުގެ ކުރިން 2019 ވަނަ އަހަރުގެ ޖަނަވަރީމަހު ރާއްޖެއަށް ޒިޔާރާތްކޮށްފައިވާ 151،552 ޓޫރިސްޓުންނާ އަޅާ ބަލާއިރު 13.8 ޕަސެންޓް އިތުރު އަދަދެކެވެ.
މިދިޔަ މަހު ރާއްޖެއަށް ރެކޯޑު އަދަދަކަށް ޓޫރިސްޓުން އައިއިރު، މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައީ ރަޝިއާއިންނެވެ.
މިިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމުތައް:
- ރަޝިއާ – 24،154 ޓޫރިސްޓުން
- އިންޑިއާ – 19،390 ޓޫރިސްޓުން
- އިޓަލީ – 17،159 ޓޫރިސްޓުން
މިދިޔަ މަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވިއިރު، ޗައިނާގެ ބޯޑަރުތައް ހުޅުވާލުމާއެކު އެ ގައުމުން ވެސް މިހާރު ރާއްޖެއަށް ޓޫރިސްޓުން އަންނަން ފަށާފައިވެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން ޗައިނާއަކީ މިހާރު ރާއްޖެއަށް 8 ވަނަ އަށް އެންމެ ޓޫރިސްޓުން އަންނަ ގައުމެވެ. އެގޮތުން ޖެނުއަރީ މަހު އެކަނި ޗައިނާއިން ރާއްޖެއަށް 5،985 ޓޫރިސްޓުން އައިސްފައިވެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު ބައިނަލްއަގުވާމީ 36 އެއާލައިނަކުން ދަތުރުތައް ކުރެ އެވެ.
ސަރުކާރުން މިދިޔަ އަހަރު ރާއްޖެއަށް ގެނައުމަށް އަމާޒު ހިފީ 1.6 މިލިއަން ޓޫރިސްޓުން ގެނައުމަށެވެ. މި އަމާޒު ވަނީ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ހާސިލްކޮށްފަ އެވެ. އަދި މިއަހަރަށް ސަރުކާރުން އަމާޒުހިފާފައި ވަނީ 1.8 މިލިއަން ޓޫރިސްޓުން ގެނެސް ޓޫރިޒަމްގެ އާ ރެކޯޑެއް ހެދުމަށެވެ.