ރާއްޖޭގައި މަރުވާ 17 ޕަސެންޓް މީހުން މަރުވަނީ ކެންސަރު ބަލީގެ ސަބަބުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން މިވަނީ ބުނެފަ އެވެ. ކެންސަރުގެ ނުރައްކާ ދިވެހި މުޖުތަމައުގައި އާއްމުވަމުން އަންނައިރު ދިރިއުޅުމުގައި ގެންގުޅެވޭ ކެންސަރަށް މަގުފަހި ކުރުވާ އާދަތަކާ މެދު ވިސްނައި އެކަންކަމުން ދުރުވާން މިއަދު ވަނީ ޖެހިފަ އެވެ.

މާ ގިނައިން ހަކުރު ބޭނުން ކުރުން

ސައިންސްވެރިން ބުނެފައިވާ ގޮތުގައި މާގިނައިން ހަކުރު ބޭނުން ކުރުމަކީ ހަކުރުބަލި ޖެހުމަށް މަގުފަހިވާ ކަމެއްގެ އިތުރުން ކެންސަރަށް ވެސް މަގުފަހިވާ ކަމެކެވެ. އަލަށް ހެދި ދިރާސާތަކުން ދައްކާގޮތުގައި މާގިނައިން ހަކުރު ބޭނުންކުރުމަކީ ހަަށިގަނޑުގައި ޓިއުމަރު އުފެދި އެ ބޮޑުވުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާ ކަމެކެވެ.

ތައްޔާރީ މަސް ބޭނުން ކުރުން

ދަޅުތަކުގައި ބަންދުކޮށްފައިވާ ހުންނަ ކުކުޅު މަސް އަދި ގެރި މަހަކީ އަހަރުމެން ކެއްކުމުގައި ބޭނުންކޮށް އުޅޭ އެއްޗެކެވެ. ފްރާންސްގެ ސައިންޓިސްޓުންތަކެއް ބުނެފައިވަނީ މިފަދަ މަސް ކެއުމަކީ ސިއްޙަތައް ގެއްލުންހުރި ކަމެއް ކަމަށާއި އެތަކެއްޗަކީ ކެންސަރު ޖެހުމަށް ވަރަށް ބޮޑަށް މަގުފަހި ކުރުވާ ކަމެއް ކަމުގައެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން

މީ އާ ވާހަކައެއް ނޫނެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސިއްހަތަށް ގެއްލުން ހުރި ކަމެއް ކަމަށް ސިއްހީ މާހިރުން އަބަދުވެސް އަންނަނީ އިންޒާރު ދެމުންނެވެ. ސިނގިރޭޓުގެ ދުންފަތުގައި ކެންސަރަށް މަގުފަހިވާ ގާތްގަނޑަކަށް 70 ކެމިކަލް ހިމެނޭކަމަށް ދިރާސާތަކުން ދައްކައެވެ.

މާ ގިނައިރު އަވީގައި އުޅުން

މާގިނައިން އަވީގައި އުޅުމަކީވެސް ކެންސަރަށް މަގުފަހިވާ ކަމެކެވެ. ސްކިން ކެއާރ ފައުންޑޭޝަނަކުން ބުނެފައިވާ ގޮތުގައި އަވީގައި މާގިނައިރު ހުރުމަކީ ހަންގަނޑަށް ގެއްލުން ދިނުމުގެ އިތުރުން ހަމުގެ ކެންސަރަށް ވެސް ވަރަށް ބޮޑަށް މަގުފަހިވާ ކަމެކެވެ.