ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ފަންނާނު ސަލްމާން ޚާން ނޭނގޭނެ މީހަކު ނުހުންނާނެ އޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އޭނާގެ ހުނަރުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާއިރު، ސަމްލާނުގެ ޒާތީ ކަންކަމަކީ މީހުން ވަރަށް ބަލަން ބޭނުންވާ މައުލޫމަތުތަކެވެ.

ސަލްމާނަކީ ހިންދީ ފިލްމު އިންޑަސްޓްރީގައި އެންމެ މަތީ މަގާމުގައި މިވަގުތު ހުރި ތަރިއޭ ވެސް ބުނެވިދާނެ އެވެ. އެއީ އެ އިންޑަސްޓްރީގައި އޭނާގެ ނުފޫޒު ވަރަށް ބޮޑަށް ވެސް އޮތުމުންނެވެ.

ހަމައެހެންމެ އެއީ އާންމުންނަށް އޭނާ ދައްކަން އެންމެ ބޭނުންނުވާ އޭނާގެ އެއް ސިފަ އެވެ.

ސަލްމާނަކީ އާންމުންގެ ތެރޭގައި މީހުންގެ ލޯތްބާއި ގަދަރު ލިބިފައިވާ ތަރިއަށްވެފައިވާއިރު، އިންޑިއާގައި ސަލްމާނަށް މީހުން ކިޔައި އުޅެނީވެސް ގާތް ނަމަކުންނެވެ. އެއީ "ސައްލޫ ބާއި" ނުވަތަ "ބާއީ" ގެ ނަމުންނެވެ. މާނައަކީ ބޭބެ އެވެ. އެހާވެސް ސަލްމާނަށް އާންމުން ގަދަރުކުރެ އެވެ.

ނަމަވެސް މިކަން އޭނާގެ ފަރާތުން ގެއްލޭއެއް ކަމަކީ ސަލްމާނު އާންމުންނަށް ދައްކަން ބޭނުން ނުވާ އޭނާގެ މިޒާޖެވެ. ހީ ސަމާސާ ކުރިނަމަވެސް ފަރުދާގެ ފަހަތުގައިވާ ސަލްމާނުގެ މިޒާޖަކީ އެ ފެނުނު މީހަކު އޭނާގެ މަތިން ފޫހިކުރުވި އެއްޗެކެވެ.

އެގޮތުން ސަލްމާނު ވަނީ އޭނާގެ ރުޅިގަދަ މިޒާޖުގެ ސަބަބުން އޭނާ ލޯބީގެ ގޮތުން ގުޅުނު ގިނަ އަންހެން ކުދިންނަށް ގެވެށި އަނިޔާކޮށްފަ އެވެ. އަދި ބައެއް އަންހެން ކުދިންގެ އާއިލާއަށް ވެސް ގެއްލުންދިން ކަމަށް މީޑިއާތަކުން ބުނެ އެވެ.

އޭގެ އިތުރުން ސަލްމާނު ވަނީ ނުފޫޒުގެ ބޭނުން ހިފައި ފިލްމު އިންޑަސްޓްރީއަށް އަންނަ މީހުންގެ ކެރިއަރު ހަލާކުކޮށްފަ އެވެ. އޭގެ ތެރޭގައި ވިވޭކް އޯބަރޯއި އާއި އަނުރާގް ކަޝްޔަޕް އާއި އޭއާރް ރަހްމާން އަދި އަރްޖިތް ސިންގާއި ރަންބީރު ކަޕޫރުގެ އިތުރުން އެތައް ގިނަ ބަޔަކު ހިމެނެ އެވެ.

މިކަންކަމާ ގުޅިގެން ސަލްމާނާ އާންމުން ސުވާލު ކުރި ނަމަވެސް ސުވާލުތަކަށް ސަލްމާނު ގިނަ ފަހަރު ދީފައިވަނީ ބީރު ކަންފަތެކެވެ.

ސަލްމާނު ފިލްމީ ކެރިއަރު ފެށީ 1988 ވަނަ އަހަރު ނެރުނު ފިލްމު "ބީވީ ހޯތޯ އޭސީ" ފިލްމުގައި ސަޕޯޓިން އެކްޓަރެއްގެ ރޯލަކުންނެވެ.