ސިނގިރޭޓާއި ދުންފަތުގެ އިސްތިއުމާލުކުރުން އެތައް ބަޔަކު އެއިން ސަލާމަތްވުމަށް މަސައްކަތް ކުރެ އެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމުން ސަލާމަތްވުމަށް ބޮލީވުޑްގެ މަޝްހޫރު ތަރިއެއް ކަމަށްވާ ރާނީ މުކަރްޖީ އަދި ވެސް މަސައްކަތް ކުރެ އެވެ.

ރާނީއަކީ އާންމުންގެ ތެރޭގައި އޭނާގެ ހިތް ތިރިކަމަށާއި، އޭނާގެ ރީތި އަހުލާގާއި ގުޅިގެން ގިނަ ބައެއްގެ މެދުގައި މަގުބޫލް ތަރިއެކެވެ. އަދި ރާނީ ދުންފަތުގެ އިސްތިއުމާލު ކުރާކަން އެނގުމަކީ އާންމުންނަށް އެކަމުން ސިހުމެއް ލިބުނު ކަމެކެވެ.

އެނގިފައިވާގޮތުގައި ރާނީ ދުވާލަކަށް 15 އަށް ވުރެ ގިނަ ސިނގިރޭޓު ބޯކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރެ އެވެ. އަދި ހެނދުނު ހޭލުމަށްފަހު ދުންފަތުގެ އިސްތިއުމާލު ނުކޮށް އޭނާއަށް ކެތް ނުކުރެވޭކަމަށްވެސް ބައެއް ނޫސްތަކުގައި ބުނެފައިވެ އެވެ.

ނަމަވެސް ދުންފަތުގެ އިސްތިއުމާލު ކުރުމުން ސަލާމަތްވުމަށް ރާނީ ގަދައަޅައި މަސައްކަތް ކުރާ ކަމަށް އޭނާ ބުނެފައިވެ އެވެ.

ރާނީ ވަނީ އޭނާ ދުންފަތުގެ އިސްތިއުމާލު ކުރުމަށް އާއިލާއިންވެސް ނުރުހޭކަން ހާމަކޮށްފަ އެވެ. އެގޮތުން ރާނީގެ މަންމަ، ކްރިޝްނާ މުކަރްޖީ، ރާނީގާތު އެ އާދަ ހުއްޓުމަށް ކިޔާކަމަށް އޭނާގެ މަންމަ ބުނެފައިވެ އެވެ. އޭގެ ސަބަބުން އޭނާ އަބަދުވެސް ދުންފަތުގެ އިސްތިއުމާލު ކުރަނީ ސިއްރުން ކަމުގައި އޭނާ ބުންޏެވެ.

ރާނީ އަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މުހިންމު ރޯލުތަކެއް އަދާކޮށްދިން ތަރިއެކެވެ.