ބޮލުން އިސްތަށި ފޭބުމަކީ އެކި އުމުރުގެ މީހުންނަށް ދިމާވެފައިވާ ބޮޑު މައްސަލަ އެކެވެ. ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުން ބޮލުން އިސްތަށި ފައިބަން މެދުވެރިވެ އެވެ. އޭގެ ތެރެއިން ބައެއް ކަންކަމަށް ބަލާލާނަމެވެ.

ވާރުތަވުން

ބައެއް މީހުންގެ ބޮލުން އިސްތަށި ފޭބުމަށް ދިމާވާ އެއް ސަބަބަކީ އެކަން އާއިލީގޮތުން ވާރުތަވެފައި ވުމެވެ. އާއިލާގެ މަންމަ ފަރާތުން ނުވަތަ ބައްޕަ ފަރާތުން ލިބިފައިވާ ޖީންސްގެ ސަބަބުން އެއްވެސް އެހެން ސަބަބަކާ ނުލެވެސް މީހާ ތަލަވުމަށް މަގުފަހިވެ އެވެ.

ސިއްޙީ މައްސަލަތައް

ތައިރޮއިޑް، ހަކުރުބަލި، ދަގަނޑުގެ ބައި މަދުވުން އަދި އެނީމިއާގެ ސަބަބުން އިސްތަށި ފޭބުމަށް ދިމާވެ އެވެ. އަދި ހަމަ އެހެންމެ އެކްސިޑެންޓްއެއް ދިމާވުން ނުވަތަ ސާޖަރީއެއް ކޮށްފައިވާ މީހެއްގެ ހަށިގަނޑަށް ލިބޭ ސްޓްރެސްގެ ސަބަބުން އިސްތަށި ފެޅުމާއި ދެމެހެއްޓުމުގެ ނިޒާމަށް ލޮޅުންއަރައި، އިސްތަށި ފައިބާގޮތްވެ އެވެ.

ބޭސް

ލޭ ތުނިކުރަންދޭ ބޭސް، ކީމޯތެރަޕީއަށްދޭ ބޭސް، ބީޓާ ބްލޮކާސް، އެންޓި ޑިޕްރެސެންޓްސް، ދޭތެރެ ދުރުކުރާ ބޭސް އަދި ބޮޑީ ބިލްޑިންގްގައި ބޭނުންކުރާ އެނެބޮލިކް ސްޓެރޮއިޑްސްއަކީ އިސްތަށި ފޭބުން އަވަސްކޮށްދޭ ބޭސްތަކެވެ. އޭގެ އިތުރުން ވިޓަމިން އޭ މަގިނައިން ނެގުމަކީވެސް އިސްތަށި ފޭބުމަށް ދިމާވާ ކަމެކެވެ.

ހޯމޯންތައް ބެލެންސް ނުވުން

ބަނޑުބޮޑުވުމާއި، ބާލިޣުވުމާއި، ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމްއާއި އިއްދައިން ކެނޑުމަކީ ހޯމޯންތަކަށް ބަދަލު އައުމަށް ގެންގޮސްދޭ ކަންކަމެކެވެ. އޭގެ ސަބަބުން މާގިނަ ހެއާ ފޮލިކަލްސްތައް ރެސްޓިންގް ފޭސްއަށް ދެއެވެ. އަދި އިސްތަށި ފައިބަން ފަށަ އެވެ.

ކެއުން ބުއިމުގެ އާދަތައް

ޕްރޮޓީންސް، ވިޓަމިންސް އަދި މިނަރަލްސް މަދުން ލިބިދޭފަދަ ދުޅަހެޔޮ ނޫން އެއްޗެހި ކެއުމަކީ އިސްތަށި ފޭބުން އަވަސްކޮށްދޭ ކަމެކެވެ. މާބޮޑަށް ޑައިޓްކުރުމާއި އެނެރޮކްސިއާފަދަ ބަލިތަކުގެ ސަބަބުން ހަށިގަނޑުގައި ނިއުޓްރިޝަން ހުންނަ މިންވަރު ދަށްވެ، މީހާގެ ހެދިބޮޑުވުން ލަސްކޮށްދެ އެވެ.

ސްޓްރެސް

ބުރަ ވަޒީފާއެއްގެ ސަބަބުން ނުވަތަ ހަމަނުޖެހޭ ގުޅުމެއްގައި އުޅުމަކީ އިސްތަށި ފޭބުމުގެ މައްސަލަ އިތުރަށް ގޯސްކޮށްދޭ ކަމެކެވެ. އޭގެ ސަބަބަކީ ބޮލަށާއި ބޮލުގެ ތަލައަށް ލޭ ލިބެންޖެހޭ މިންވަރަށް ލޭ ނުލިބުމެވެ. އޭގެ ސަބަބުން އިސްތަށި ފެޅުމާއި ބޮޑުވުންވެސް ލަސްވެ އެވެ.

މާބޮޑަށް ސްޓައިލްކުރުން

އިސްތަށިގަނޑު ސްޓައިލް ކުރުމަށް ބޭނުންކުރާ ޕްރޮޑަކްޓްތަކުގައި އާންމުކޮށް ހުންނަ ކެމިކަލްތަކަކީ އިސްތަށިގަނޑަށް ގެއްލުންދޭ އެއްޗެއްސެވެ. އެގޮތުން އިސްތަށިގަނޑު ޑައިކުރުމަށާއި، ރިލެކްސްކުރުމަށް އަދި ބްލީޗްކުރުމަށް ބޭނުންކުރާ މާއްދާތަކަކީ އިސްތަށިގަނޑު ބަލިކަށި ކުރުވާ މާއްދާ ތަކެވެ.