އާދަކޮށް ބަދަން ކެއުމަކީ ހާޓް އެޓޭކާއި ސްޓްރޯކްފަދި ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަކޮށްދޭ ކަމެއް ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.
އެމެރިކާގެ ވެންޑާބިލްޓް ޔުނިވާސިޓީ އާއި ޝަންގްހައި ކެންސާ އިންސްޓިޓިއުޓް ގުޅިގެން 2016 ވަނަ އަހަރު ކުރި ދިރާސާއަކަށް ފަހު ޖޭއޭއެމްއޭ އިންޓާނަލް މެޑިސިން ޖާނަލް ގައި އާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ ގަވާއިދުން ބަދަން ކާ މީހާގެ އުމުރު ދިގުވުމުގެ ފުރުސަތު ވެސް ބޮޑު ކަމަށެވެ. އަދި މިއީ އަގުހެޔޮކޮށް ފަސޭހައިން ލިބެން ހުންނަ އެއްޗަކަށް ވާއިރު ހިތުގެ ބަލިތަކާ ދެކޮޅަށް ކޮންމެ މީހަކަށް ވެސް ނެގިދާނެ ފަރުވާއެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ސައިންސްވެރިން ބުނެފައި ވަނީ ބަދަނުގެ ފައިދާ ހަށިގަނޑަށް ކުރާ ގޮތް ބެލުމަށް ކުރިން މިފަދަ ދިރާސާއެއްކޮށްފައި ނުވާ ކަމަށާއި މި ދިރާސާ އިން ލިބިގެން ދިޔަ އެންމެ މުހިއްމު މައުލޫމާތަކީ، ބަދަނުގެ ފައިދާ ހުރިހާ ނަސްލުތަކެއްގެ އެންމެނަށް ވެސް އެއްގޮތަކަށް ކުރާ ކަމެވެ.
މި ދިރާސާގައި އެމެރިކާ އިން ކަޅު ނަސްލާއި ދޮން ނަސްލުގެ 70،000 މީހުން ބައިވެރިކޮށްފައިވާއިރު ޝަންހައި އިން 130،000 މީހުން ބައިވެރިކޮށް މައުލޫމާތު ނަގާފައިވެ އެވެ. ރިޕޯޓްގައި ބުނެފައި ވަނީ ތިން ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ދިރާސާގައި ގަވާއިދުން ބަދަން ކާ މީހުންނަށް ކުރިމަތިވާ ހިތުގެ މައްސަލަތައް މަދުވާ ކަމަށެވެ.
ގަވާއިދުން ބަދަން ކެއުމުގެ ފައިދާ ބޮޑު ކަމަށް ތަޖުރިބާކާރުން އެއްބަސްވި ނަމަވެސް މާ ގިނައިން ބަދަން ކެއުމަކީ ނުރައްކާތެރި ކަމެއް ކަމަށް ވެސް އެމީހުން ބުނެ އެވެ. ވަކިން ހާއްސަކޮށް ލޮނު ލާފައި ހުންނަ ބަދަން ގިނައިން ނުކެއުމަށް ލަފާދެ އެވެ.
ބަދަނަކީ ހަށިގަނޑަށް ބޭނުންވާ ނިއުޓްރިއެންޓްސް އާއި މިނެރަލްސް އަދި އެންޓިއޮކްސައިޑެންޓްސް އާއި ވިޓަމިން އިން މުއްސަނދިވެފައިވާ އެއްޗެކެވެ. ހިތުގެ ބަލިތަކުގެ އިތުރުން ކެންސަރާއި ނާރުގެ ބަލިތަކާއި އަލްޒެއިމާ އަދި ވައިރަލް/ފަންގަލް އިންފެކްޝަންތަކަށް ވެސް މިއީ ރަނގަޅު އެއްޗެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.