އެމްޑީޕީން ފެށި ދަތުރުގެ މަންޒިލާ ހަމައަށް ވާސިލްވުމަށްޓަކައި މި ދަނޑިވަޅުގައި ހުރިހާ އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ

އަހަރުތަކެއް ކުރީން އެމްޑީޕީން ފެށީ ދަތުރު ނިމި، މަންޒިލާއި ހަމައަށް ވާސިލްވުމަށް އަންނައިރު ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވާނެ ކަމަށާއި މިހާރު ވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ބޮޑެތި ގޮންޖެހުންތަކާއެކު ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީން ފެށި ދަތުރުގެ މަންޒިލާއި ހަމައަށް ވާސިލްވުމަށްޓަކައި މި ދަނޑިވަޅުގައި ހުރިހާ އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ހިޔާލު ތަފާތުވިޔަސް އެމްޑީޕީއަށް މިކަން ކާމިޔާބުކުރަން އެންމެން އެއްވާން ޖެހޭ ކަމަށެވެ.

މިހާރު ފެންނަމުންދާ ތަރައްގީ ލިބުނީ އެމްޑީޕީގެ މެމްބަރުންނާއި ސަރުކާރު ކޯލިޝަންގެ އެހެން ޕާޓީތަކުން އެމަނިކުފާނަށް ކުރެއްވި އިތުބާރުގެ ސަބަބުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ކުރިމަތިވި ކޮންމެ ގޮންޖެހުމަކުން އަރައިގަނެވުނީ ވެސް އެންމެންގެ އެހީތެރިކަމާ އެކު ކަމަށް ވިދާޅުވި އެވެ.

"އެކަމެއް އަޅުގަނޑު ހަނދާނެއް ނުނެތޭނެ. އެކަމަށްޓަކައި އަޅުގަނޑު އެ ބޭފުޅުންނަށް ވެސް ޝުކުރު އަދާކުރަން." ރައީސް ވިދާޅުވި އެވެ.

މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވާހަކަދައްކަވަނީ. ފޮޓޯ: އެމްޑީޕީ

"އަޅުގަނޑު ދަންނަވާނީ މިއީ ހިޔާލު ތަފާތުން އެކަހެރިކޮށް ނުވަތަ ހިޔާލު ތަފާތުވުންތައް ހުއްޓަސް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރުމަށްޓަކައި އަޅުގަނޑުމެން އެންމެން އެއްވާންވީ ވަގުތު." ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމްޑިޕީގެ މިދައުރުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ހައްގުތައް ކަށަވަރު ކޮށްދީފައިވާ ކަމަށާއި ރަށްތަކުގައި ދިރިއުޅުން ފަށައިގަތުމަށް މަޝްރޫއުތައް ހިންގާފައިވާ ކަމަށް އަދި އެއާއެކު އިގްތިސާދު ފުޅާކުރުމަށް ރަށްތައް ފައްކާކޮށްދީފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕޭން ފައްޓަވާނީ ރައްޔިތުންގެ ހިޔާލާ ވިސްނުމާއެކު ރައްޔިތުންގެ މެނިފެސްޓޯ ހިފައިގެން ކަމަށެވެ. އަދި އެމްޑީޕީގެ މަސައްކަތް ކުރިއަށްދާނީ ރައްޔިތުންގެ ވިސްނުމާއި ނިންމުމާއި އެއްގޮތަށް ކަމަށާ އެއްވެސް ރައްޔިތަކަށް ތަފާތު ކުރުމެއް ނެތި ހަމަހަމަ ކަމާއެކު ރައްޔިތުންނަށް މަންފާ ހޯދައިދިނުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ދައުރަކީ އެމްޑީޕީއަށާއި ރައްޔިތުންނަށް ވެރިކަން ހޯދައިދިނުން ކަމަށާ އެއީ ރާއްޖެ މިބޭނުންވާ ހަމަހަމަކަމާއި ތަރައްގީ ގެނެވޭނީ އެމްޑީޕީ ވެރިކަމުގައި އޮވެގެން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިހާރު ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާނީ އެމްޑީޕީ އޮވެގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގެ ތެރެއިން. ފޮޓޯ: އެމްޑީޕީ

"މިކަމަށްޓަކައި ދެން އެމްޑީޕީން ކުރަންވީ އެންމެ ކަމެއް. އެންމެން އެކަތިގަނޑެއްގެ ގޮތުގައި ތެދުވެ، އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުން. މުޅި އެމްޑީޕީ އާއި މި ޕާޓީއަށް ނިސްބަތްވާ ހުރިހާ މެމްބަރުންނަށް އަޅުގަނޑު މިރޭ މި ދައުވަތު އަރުވަން." ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީއަކީ ތަސައްވުރުގެ ޕާޓީއެއް ކަމަށާއި ކުރިއަށް އޮތީ އުޖާލާ ދުވަސްތަކެއް ކަމަށެވެ.