ސްޕާތައް ހިންގުމަށް ހަރުކަށި ގަވާއިދުތަކެއް ހަދާ އެ ގަވާއިދުގެ ދަށުން އަލުން ރަޖިސްޓްރީ ކުރަން އިކޮނޮމިކް މިނިސްޓްރީން އަންގައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީ އިން މިއަދު ގެޒެޓުގައި އާންމުކުރި ގަވާއިދުގައި ވަނީ އެ ގަވާއިދުގައި ސްޕާތައް ހިންގުމާއި ރެޖިސްޓްރީކުރުން އަދި އިސްތިހާރު ކުރުމާ ބެހޭ ގިނަ އުސޫލުތަކެއް ވަނީ ކަނޑައަޅާފަ އެވެ. އަދި އެތަންތަނުން ދެވޭ ހިދުމަތްތަކާޢި ގުޅޭ ގިނަ ކަންކަން ވަނީ ތަފްސީލުކޮށްފަ އެވެ.
އާންމު ކޮށްފައިވާ ގަވާއިދުގައި ވަނީ ސްޕާތަކުން ދޭ ހިދުމަތް ތަކުގެ އިސްތިހާރުކުރުމާއި ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި އުސޫލުތަކާ ހިލާފަށް އިޝްތިހާރު ކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި ސްޕާގައި މަސައްކަތް ކުރާ މުވައްޒަފަކު ވިޔަސް އަމިއްލަ ސޯޝަލް މީޑިއާ ވަސީލަތެއްގައި ވެސް އާންމުކޮށް އިސްތިހާރުކުރުމަކީ މަނާކަމެއް ކަމަށް މި ގަވައިދުގައިވެ އެވެ.
މީގެ އިތުރުން އާންމު މުޖުތަމައުގެ މިންގަނޑުތަކާ ހިލާފަށް އެތަންތަން އިސްތިހާރުކުރުމާއި އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގާއި އިޝާރާތައް ބޭނުންކުރުން ނުވަތަ ދެއްކުން އަދި ސްޕާގެ ވިޔަފާރި ހަރަކާތް ހިންގާ ތަން އިސްތިހާރުކުރުމުގައި އެއްވެސް މީހަކު ދެއްކުމަކީ ގަވައިދުގައިވާ ގޮތުން މަނާކަމެކެވެ.
މިހާރު ހިންގާ މިފަދަ ތަންތަން މި ގަވައިދުގެ ދަށުން 90 ދުވަހުގެ ތެރޭގައި އަލުން ރަޖިސްޓްރީކުރަން ޖެހެ އެވެ.
ސްޕާގެ ރިސެޕްޝަނާއި ކޮރިޑޯގައި ސީސީޓީވީ ކެމެރާ ހަރުކޮށް، މަދުވެގެން ހަ މަސް ދުވަހުގެ ފުޓޭޖް ރައްކާކޮށްފައި ހުންނަން ޖެހޭނެ ކަމަށް ގަވާއިދުގައިވެ އެވެ. އަދި، ހިދުމަތްދޭ ކޮޓަރީގައި އެއް އެނދަށް ވުރެ ގިނަ އެނދު ބަހައްޓާ ނަމަ، ތިން ފޫޓުގެ ދުރު މިނެއް ބަހައްޓަން ޖެހޭނެ ކަމަށާއި، ދެ އެނދުގެ ދެމެދުގައި ޕާޓިޝަނެއް ޖަހަން ޖެހޭނެ ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ.