އިންޑިއާގެ އެހީތެރިކަމާއެކު ސަރުކާރުން ހިންގާ މަޝްރޫއުތަކާއެކު ރާއްޖޭގެ އިގްތިސޯދު ފުޅާވެ، 15 ބިލިއަން ޑޮލަރަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
އޭޝިއާ އިކޮނޮމިކް ޑައިލޮގްގެ އިނޯގްރަލް ސެޝަންގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ އިންޑިއާގެ އެހީތެރިކަމާއެކު ސަރުކާރުން ހިންގާ މަޝްރޫއުތަކަކީ މުސްތަގުބަލުގައި އިގްސޯދަށް ފައިދާކުރާނެ މަޝްރޫއުތަކެއް ކަމަށެވެ. އެގޮތުން، އިންޑިއާގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ތިލަމާލެ ކަނެކްޓިވިޓީ ބްރިޖްގެ އިތުރުން ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް މަޝްރޫއު އަމީރު ފާހަގަކުރެއްވި އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ހަވާލުކޮށްގެންނެވެ. މިއީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ އެއާޕޯޓެކެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަނީ އިންޑިއާގެ ރެނާޓަސް ކުންފުނިންނެވެ. މިއީ އަހަރަކު 1.8 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ އެއާޕޯޓެކެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ހަނިމާދޫ އެއާޕޯޓް މަޝްރޫއުއާ ބެހޭގޮތުން ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ މިމަޝްރުތަކާއެކު ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރުވެ، ބޭރުގެ އިންވެސްޓަރުން އިންވެސްޓަމަންޓައް އިތުރުވާނެ ކަމަށެވެ. އޭގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު 15 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އަމީރު ވިދާޅުވި އެވެ.
"މިހާރު ރާއްޖޭގެ އިގްތިސޯދަކީ ހަ ބިލިއަން ޑޮލަރުގެ އިގްތިސޯދެއް. މި މަޝްރޫއުތަކާއި ފަސް އަހަރު ނޫނީ ދިހަ އަހަރު ތެރޭގައި ރާއްޖޭގެ އިގްތިސޯދު ފަނަރަ ބިލިއަން ޑޮލަރަށް އަރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭޝިއާ އިކޮނޮމިކް ޑައިލޮގްގެ އިނޯގްރަލް ސެޝަންގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރު ވަނީ ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވާ ގޮންޖެހުންތައް ވެސް ފާހަގަކުރައްވާފަ އެވެ. އެގޮތުން، ރާއްޖެއަކީ ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމީ ބަދަލުތަކުގެ އެންމެ ބޮޑު އަސަރެއް ކުރާނެ އެއް ގައުމުކަމަށްވުމުން އިގްތިސޯދީ ކުރިއެރުމަށް ބޮޑު ހުރަހެއް އެޅޭ ކަމަށް އަމީރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ރާއްޖޭގެ އިގްތިސޯދު 33 އިންސައްތަ ދަށަށްދިޔަ ނަމަވެސް، މިހާރު އެކަމުން އަރައިގަނެފައިވާކަން ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.