އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރު އިލްހާމް އަހުމަދާ ބައްދަލު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތް އެމްޑީޕީގެ މެންބަރުންނަކީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.

އެ ބައްދަލުވުމާ ގުޅޭ ތަފުސީލެއް އެއްވެސް ފަރާތަކުން މީޑިއާ އަށް އަދި ހާމައެއް ނުކުރައްވަ އެވެ.

ނަޝީދު ގާސިމްގެ އެޑްވައިޒަރާ ބައްދަލު ކުރެއްވީ ރައީސް ނަޝީދާއި ގާސިމް ކޯލިޝަނަކުން އެކުގައި ފެނުން ގަތް ކަމަށް ބުނެ އަޑު ފެތުރެމުން ދާ ދަނޑިވަޅެއްގައި އެވެ. އަދި މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިވެސް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ އެހެން ޕާޓީއެއްގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލައްވާ ބޭފުޅެއް ގޮތުގައި ހުންނަވާފައި އެމްޑީޕީގެ ރަނިންމޭޓަކާއި އެމްޑީޕީ ހިއްސާވާ ސަރުކާރެއް އުފައްދައި އެމްޑީޕީގެ ބަސް ބުނެވޭނެ އަދި މަޝްވަރާ އާއި ލަފާދެވޭނެ ސަރުކާރެއް އޮވެ ރައްޔިތުންނަށް ހިދުމަތް ކުރަން ތިބުން، ކިހިނެއް ވާނެތޯ ހަސަން ވަނީ ސުވާލު ކުރައްވާފައި އެވެ.

ޖުމްހޫރީ ޕާޓީން މިދިޔަ ހަފްތަ ބަންދު ތެރޭގައި ބޭއްވި އެޕާޓީގެ ކޮންގްރެސްގައިވެސް ރައީށް ނަޝީދާއި އެމަނިކުފަނުގެ ބައެއް އަރިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައި އެވެ. އަދި ޖޭޕީގެ ކޮންގްރެސްގައި ގާސިމް ވަނީ ވަރަށް ބޮޑަށް ރައީސް ނަޝީދުއަށް ތައުރީފް ކުރައްވާ ވާހަކަ ދައްކަވާފައި އެވެ.