އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަނީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެއް ވެރިކަމަށް ގެންނަން ކަމަށް، ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޝަހީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރު އަނދުން ހުސެން ވިދާޅުވީ އެމްޑީޕީގެ މެންބަރުންނަށް އެންމެ ރަނގަޅުވާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދުކުރުމުގެ ބަދަލުގައި ޖޭޕީން ނެރޭ ކެންޑިޑޭޓަކަށް ތާއީދުކުރުން ކަމަށް ވިސްނައިދޭން ރައީސް ނަޝީދު މަސައްކަތްޕުޅު ކުރައްވާ ކަމަށެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ސޯލިހު އަށް ތާއިދު ނުކުރައްވާ އެހެން ޕާޓީއެއްގެ މެމްބަރަކަށް ތާއިދު ކުރެއްވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ހުސެން ވިދާޅުވި އެވެ.

ހުސެންގެ މި ތުހުމަތުތައް ރައީސް ނަޝީދު ދޮގު ކުރައްވަފައެއް ނުވެ އެވެ.

ހުސެންގެ މިވާހަކަތަކާ ގުޅިގެން ރައީސް ނަޝީދުގެ އަރިސް ބޭފުޅެއް ކަމަށްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ އެހެން ޕާޓީއެއްގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލައްވާ ބޭފުޅެއް ގޮތުގައި ހުންނަވާފައި އެމްޑީޕީގެ ރަނިން މޭޓަކާއި އެމްޑީޕީ ހިއްސާވާ ސަރުކާރެއް އުފައްދައި އެމްޑީޕީގެ ބަސް ބުނެވޭނެ އަދި މަޝްވަރާ އާއި ލަފާދެވޭނެ ސަރުކާރެއް އޮވެ، ރައްޔިތުންނަށް ހިދުމަތްކުރަން ތިބުން، ކިހިނެއް ވާނެތޯ ހަސަން ވަނީ ސުވާލު ކުރައްވާފައި އެވެ.

ރައީސް ނަޝީދު ޖޭޕީގެ ކެންޑިޑޭޓެއް ނެރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އަޑުފެތުރިފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ރައީސް ނަޝީދު މިއަދު ވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރު އިލްހާމް އަހުމަދާ ބައްދަލުކުރައްވާފަ އެވެ.

މީގެ އިތުރުން ޖުމްހޫރީ ޕާޓީން މިދިޔަ ހަފްތަ ބަންދު ތެރޭގައި ބޭއްވި އެޕާޓީގެ ކޮންގްރެސްގައި ވެސް ރައީސް ނަޝީދާއި އެމަނިކުފަނުގެ ބައެއް އަރިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައި އެވެ. އަދި ޖޭޕީގެ ކޮންގްރެސްގައި ގާސިމް ވަނީ ވަރަށް ބޮޑަށް ރައީސް ނަޝީދުއަށް ތައުރީފްކުރައްވައި ވާހަކަ ދައްކަވާފަ އެވެ.