ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ކުރާ ކަމަކަށް ވާއިރު، އެކަމަކީ ކުޑައިރުން ފެށިގެން އާދަވެފައިވާ ކަމެއް ނަމަ، ބޮޑުވެގެން އެކަން ހުއްޓައިލަން ފަސޭހައެއް ނުވާނެ ކަމެކެވެ.

އޭގެ ތެރޭގައި އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާޒް ވެސް ހިމެނެ އެވެ.

ހޮލީވުޑްގެ ބައެއް ނޫސްތަކުން ބުނިގޮތުގައި އެތައް ފަހަރެއްގެ މަތިން ބްރިޓްނީ، ހަފްލާތަކުގަ އާއި، ޕާޓީތަކުގައި ނިޔަފަތި ކާ މަންޒަރު އާންމުންނަށް ފެނިފައިވެ އެވެ. ހަމައެހެންމެ ބްރިޓްނީ ނިޔަފަތިކާ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި ވެސް އާންމުވެފައިވެ އެވެ.

ބްރިޓްނީއަށް 41 އަހަރު ފުރިފައިވާ އިރުވެސް އެ އާދަ ފިލައި ނުދިއުމުން ގިނަ ބައެއްގެ މަލާމާތް އޭނާއަށް ރައްދުވެފައިވެ އެވެ. ނަމަވެސް މި އާދައާ ދުރުވުމަށްޓަކައި ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ގެންދާކަމަށް ބްރިޓްނީ ބުނެފައިވެ އެވެ.

ބްރިޓްނީ ބުނިގޮތުގައި ނިޔަފަތިކެއުމުގެ އާދައަށް އޭނާ ދެވިހިފީ، ފުރާވަރު އުމުރުގައި ކަންކަމާއި ކަންބޮޑުވާތީ އެވެ. އަދި ކޮންމެ އަހަރަކުވެސް ދުރުވާން ބޭނުންވާ އާދަތަކުގެ ލިސްޓުގައި ނިޔަފަތި ކެއުމާއި ދުރުވުން ހިމެނޭކަމަށް ބްރިޓްނީ ބުނެފައިވެ އެވެ.

އެމެރިކާގައި އާންމުންގެ ލޯބި ލިބިފައިވާ މި ފަންނާނަށް 'ޕްރިންސަސް އޮފް ޕޮޕް' ގެ ނަމުންވެސް ނަން ދެވިފައިވެ އެވެ. އެގޮތުން 90 ގެ އަހަރުތަކުން ފެށިގެން 2000އާ ހަމައަށް މިއުޒިކް އިންޑަސްޓްރީގައި ޕޮޕް މިއުޒިކް ކުރިއެރުވުމުގައި ބްރިޓްނީގެ ރޯލު ބޮޑެވެ.