ކައިވެނި ކޮށްގެން އުޅުނުއިރު ކުރީގެ އަނބިމީހާ ކޮށްދިން ގޭތެރޭގެ މަސައްކަތްތަކުގެ އަގު އެ އަންހެން މީހާއަށް ދައްކަން ސްޕެއިންގެ ކޯޓަކުން އެގައުމުގެ ފިރިހެނަކަށް އަމުރު ކޮށްފި އެވެ.

ކޯޓުގެ ހުކުމުގައި ވާގޮތުން 25 އަހަރަށް ދެމިގެން ދިޔަ އެ ކައިވެނީގައި އަންހެން މީހާ ކުރި ގެވެށި މަސައްކަތްތައް މިނިމަމް ވޭޖްގެ ނިސްބަތުން ބަލާނަމަ 218،300 ޑޮލަރަށް އަރަ އެވެ.

އެ ހުކުމުގައި އިތުރަށް ބުނެފައިވަނީ ކައިވެނީގެ މުއްދަތުގައި ދެ ފަރާތުން ހޯދި އާމްދަނީއަކީ އެ މީހެއްގެ އެކަނި އެއްޗެއް ކަމަށާއި ގޭތެރޭގެ މަސައްކަތް ކުރަން ޖެހުމުގެ ސަބަބުން އާމްދަނީ ހޯދުމުގެ ހައްގުން އަނބިމީހާ މަހުރޫމް ވެފައިވާ ކަމަށެވެ.

އެ ކައިވެންޏަށް ދެ އަންހެން ދަރިން ލިބިފައިވާއިރު އަންހެން މީހާގެ ހުރިހާ ވަގުތެއް ހާއްސަކުރީ ދަރިން ބެލުމާއި ގޭތެރޭގެ ކަންކަން ކުރުމަށް ކަމަށް އަމުރުގައި ބުނެފައިވެ އެވެ.

ގެވެށި މަސައްކަތުގެ އިތުރުން ވެސް އެ ދެމަފިރިންނަށް ލިބުނު ދެ ދަރިންގެ ތެރެއިން އެއް ކުއްޖަކަށް 18 އަހަރު ނުފުރޭތީ ދަރިން ބެލުމުގެ ހަރަދުގެ ގޮތުގައި ވެސް ކޮންމެ މަހަކަށް އިތުރު އަދަދެއް ދޭން އަންގާފައިވެ އެވެ.

މި ހުކުމަކީ އޭނާއަށް ހައްގު ހުކުމެއް ކަމަށާއި ކޯޓުގެ ހުކުމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ނަން ހާމަނުކޮށް އެ އަންހެން މީހާ ބުނެފައިވެ އެވެ.