ވޮޝިންޓަން (29 ޑިސެމްބަރު) - އެމެރިކާގެ ނައިބު ރައީސް ކަމަށް އަލަށް އިންތިހާބު ކުރެވުނު ކަމާލާ ހެރިސް ވެސް ކޮވިޑް ވެކްސިން ޖައްސަވައިފި އެވެ.
ކަމާލާ ހެރިސްގެ އިތުރުން އެކަމަނާގެ ފިރިކަލުން ޑަގް އެމްހޮފް ވެސް ވަނީ ވެކްސިން ޖައްސަވައިފަ އެވެ. އަދި ވެކްސިން ޖެހިތަން ވަގުތުން ޓީވީން ވަނީ ދުރަށް ދައްކައިފި އެވެ.
އެމެރިކާގެ ރައްޔިތުންގެ މެދުގައި ވެކްސިނާމެދު އޮތް ނުތަނަވަސްކަން ނައްތާލުމަށާއި އަދި ވެކްސިނަކީ ރައްކާތެރި އެއްޗެއްކަން ރައްޔަތުންނަށް އަންގައިދިނުމަށް ސަރުކާރުގެ އިސް ބޭފުޅުން ވަނީ ވެކްސިން ޖައްސަވާފަ އެވެ. އޭގެ ތެރޭގައި ރައީސްކަމަށް އަލަށް އިންތިހާބުވި ރައީސް ޖޯ ބައިޑެން، ޓްރަމްޕް ސަރުކާރުގެ ނައިބު ރައީސް މައިކް ޕެންސް އަދި އަނބިކަނބަލުން ކަރެން ޕެންސްގެ އިތުރުން އެމެރިކާގެ ސާޖަން ޖެނެރަލް ޑރ. ޖެރޯމް އެޑަމްސް ހިމެނެ އެވެ.
އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓޭޝަނުން ވަނީ ފައިޒާ އަދި މޮޑާނާގެ ވެކްސިން އެމެރިކާގެ ބޭނުންކުރުމުގެ ހުއްދަ ދީފަ އެވެ. އަދި މިކަމާ ގުޅިގެން އެމެރިކާގެ އެކި ސްޓޭޓްތަކަށް ވެކްސިން ފޯރުކޮށްދިނުމަށް އެމެރިކާ ސިފައިންގެ އިތުރުން ޕޯސްޓަލް ހިދުމަތްދޭ ފެޑެކްސް އަދި ޔޫޕީއެސް އިން އަންނަނީ ރެއާއި ދުވާލު ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. އިއްޔެގެ ނިޔަލަށް އެމެރިކާގައި ވަނީ އެއް މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފަ އެވެ. - ސީއެންއެން