ޝޮޕިން މޯލްއަކުން ގެއްލުމަށްފަހު މަރާލާފައި އޮއްވާ ފެނުނު އެމެރިކާގެ ދަރިވަރު ޕަމެލާ ކޮންޔާސްގެ މަރަށް 52 އަހަރު ފަހުން އެ މައްސަލައިގެ ތަހުގީގު ނިމިފައިވާ ކަމަށް އެފްބީއައިއިން ބުނެފި އެވެ.

އޭރު އުމުރުން 16 އަހަރުގެ ޕަމެލާ ގެއްލުނު ދުވަހު އޭނާ ދިޔައީ ސްކޫލްގެ އިތުރު ހަރަކާތެއްގައި ބައިވެރިވުމަށެވެ. ޝޮޕިން މޯލްއަށް ދިޔައީ އޭގެ ފަހުންނެވެ. އޭގެ ހަތަރު ދުވަސް ފަހުން ފުލުހުންނަށް ޕަމެލާ ފެނުނީ ޖަންގަލި ހިސާބުގަނޑަކުން ދަންޖައްސައި މަރާލާފައި އޮއްވަ އެވެ.

ޑީއެންއޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޕަމެލާ މަރާލި ކަމަށް ތުހުމަތު ކުރެވޭ ގާތިލު ފޮރެސްޓް ކްލައިޑް ހޯދުނު ނަމަވެސް އޭނާ ވަނީ ގުދުރަތީ މަރަކުން 2018 ވަނަ އަހަރު މަރުވެފައިވާ ކަމަށް ހަަބަރުތައް ބުނެ އެވެ.

ޕަމެލާ ލީން ކޮންޔާސް

1970ގައި ހިނގި މި ކުށުގެ ވެށިން ކްލައިޑްއާ ގުޅުންހުރި އެއްވެސް ހެއްކެއް ނުލިބުނު ނަމަވެސް ޑީއެންއޭގެ އެހީގައި ކްލައިޑްގެ އާއިލާގެ ފުށުން އޭނާ ހޯދުނީ ކަމަށް އެފްބީއައިއިން ބުނެފައިވެ އެވެ.

"ގިނަ ދުވަސް ވެދާނެ. ތަހުގީގުކުރާ އޮފިސަރުން ވެސް ބަދަލުވެދާނެ. އެކަމަކު އަނިޔާ ލިބިފައިވާ މީހުންނަށް އިންސާފު ލިބޭނެކަން މިކަމުން އެނގޭ"

ކްލައިޑްގެ އުމުރަކީ އޭރު 21 އަހަރު ކަމަށާއި ކުދި ކުދި ކުށްތަކުގައި އޭނާ އޭގެ ކުރިންވެސް ހައްޔަރު ކުރެވިފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

މި ހަބަރަކީ ޕަމެލާގެ އާއިލާއަށާއި ރައްޓެހިންނަށް ހަމަޖެހުން ގެނުވައިދޭނެ ހަބަރެއް ކަމަށާއި އޭނާގެ ހަނދާން އަބަދުވެސް ދެމިހުންނާނެ ކަމަށް ޕަމެލާއާއެކު ސްކޫލުގައި އުޅުނު މީހަކު ބުނެފައިވެ އެވެ.