އިންތިހާބާއި ބެހޭ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހެޅިޔަސް ވެރިކަމުގައި ތިބޭ ބަޔަކު އިންތިހާބާއި ދިމާކޮށް ދައުލަތުގެ މުދަލާ ދައުލަތުގެ މީޑިއާ ބޭނުންކުރާ މައްސަލައަށް ހައްލު ނުލިބޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ހުށަހެޅުއްވި އިސްލާހުތަކާއި ގުޅިގެންނެވެ.

ނަޝީދު ވިދާޅުވީ އިންތިހާބާ ބެހޭ އާންމު ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅަފައިވާ އިސްލާހުތަކުން ވެސް އެ ގާނޫނުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ނުލިބޭ ކަމަށެވެ.

އެ އިސްލާހުގައި މައިގަނޑު ގޮތެއްގައި އޮތީ ކެންޑިޑޭޓުންނަށް ވައުދުވެވޭނެ ކަންކަމާއި ރިޝްވަތުގެ ގޮތުގައި ބެލިދާނެ ކަންކަން ބަޔާން ކޮށްފަ އެވެ.

ނަޝީދު ވިދާޅުވީ މިދިޔަ ހަފުތާގެ ތެރޭގައި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އިލެކްޝަން އޮބްޒާވަރުންގެ ޓީމެއް އެމަނިކުފާނުގެ އަރިހަށް ވަޑައިގަތް ކަމަށެވެ. އަދި އެބޭފުޅުން ވަޑައިގެން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ވެސް މި އިސްލާހުތަކުން ހައްލު ނުލިބޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެންމެ ބޮޑުކަންބޮޑުވުމަކަށް އޮތީ އިންތިހާބުތަކުގައި ދައުލަތުގެ މުދަލާއި ދައުލަތުގެ މީޑިއާ ހަމަ އެކަނި ވެރިކަމުގައި ތިބޭ ބަޔަކު ބޭނުން ކުރަމުން ގެންދިއުން ކަމަށެވެ. މި އިސްލާހުގައި މިކަމަށް އެއްވެސް ހައްލެއް ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

އިންތިހާބާއި ބެހޭ އާންމު ގާނޫނަށް ހުށަހެޅި އިސްލާހުތަކުގައި ވަނީ ކެންޑިޑޭޓުންގެ ވައުދާއި ރިޝްވަތު ވަކިކުރުމަށް ބަޔާން ކޮށްފައި އެވެ. އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު އެ ކެންޑިޑޭޓުގެ އާންމު ތަސައްވުރެއް ނުވަތަ ސިޔާސަތެއް ހާމަކުރުމަކީ ވައުދު ކަމަށް އިސްލާހުގައިވެ އެވެ.

ގާނޫނު ބުނާ ގޮތުން ނޫސްވެރިންނަށް ވޯޓު ގުނާ ތަނުގައި ތިބެ ވޭނީ އިލެކްޝަންސް ކޮމިޝަނުން ހުއްދަދޭ ރިޕޯޓަރުންނަށެވެ. އިސްލާހު ހުށަހަޅާފައި ވަނީ އެ ނޫސްވެރިންނަކީ ރަޖިސްޓްރީ ކޮށްފައިވާ ނޫސްވެރިންނަކީ ކޮބައިކަން ތަފްސީލުކޮށްދީފައިވެ އެވެ. އަދި ރަޖިސްޓްރީކޮށްފައިވާ ނޫސްވެރިންނަކީ ރަޖިސްޓްރީކޮށްފައިވާ އެއްވެސް މީޑިއާއެއްގައި މަސައްކަތްކުރާ ނޫސްވެރިން ކަމުގައި ކަނޑައަޅާފައިވެ އެވެ.