އާއްމު ދިރިއުޅުުގައި ހަށިގަނޑުގެ ގުނަވަނަކަށް ތަދުވާނަމަ މާބޮޑު ކަމަކަށް ނުހަދައި ދޫކޮށްލެވޭ ފަހަރު އާދެ އެވެ. ނަމަވެސް މިގޮތަށް ވާ ހުރިހާ ތަދަކީ ފަރުވާކުޑަ ކޮށްގެންވާނެ ތަދުތަކެއް ނޫނެވެ.
ކަކުލު ހުޅަށް ތަދުވުން
އޯތޯޕެޑިކް ޑޮކްޓަރުން ލަފާ ދެއްވާގޮތުގައި، ކަކުލަށް ކުއްލިއަކަށް އަރާ ތަދާއި، އަޑެއް އިވިފައި އަރާ ތަދާއި، ދުޅަ ވުމާއެކު އަރާ ތަދަކީ ކަކުލު ހުޅަށް ނުރައްކާތެރިކަން ކުރިމަތި ކުރުވަފާނެ ތަދު ތަކެކެވެ. މިފަދަ ތަދުތަކަށް އަޅައިނުލެވި ދިރިއުޅުމައިގެން ކުރިއަށްދެވޭނަމަ ދުޅަ އިތުރަށް ގޯސްވެ ހުޅުގެ “ކާޓިލޭޖް” އެކީގައި ހަލާކުވުމަކީވެސް އެކަށީގެންވާކަމެކެވެ. އެހެންކަމުން މި ތަދަކީ އަޅައިނުލާ ދޫކޮށްލައިގެން ވާނެ ތަދެއް ނޫނެވެ.
އުނަގަނޑަށް ތަދުވުން
އުނަގަނޑަށް ތަދުވާނަމަ އެކަމަކީ މައި ބަދައިގެ ބަދައެއް ގުޑިފައި އިނުމުން ވާ ތަދެއް ކަމުގައިވުންވެސް އެކަށީގެން ވެ އެވެ. މިފަދަ ހާލަތެއްނަމަ އެ ސަރަހައްދެއްގެ ނާރުތަކާއި ލޭގެ ހޮޅިތަކަށް ޕްރެޝަރު ކޮށް ތަދާއި އައްސިވުމުގެ އިހުސާސް ކުރުވަފާނެ އެވެ. އަދި އުނަގަނޑުގެ އެއް ފަޅިއަށް ނުވަތަ އަތާއި ފަޔަށްވެސް މިކަމުގެ ސަބަބުން ތަދު ވާސިލުވުން އެކަށީގެން ވެ އެވެ. ހާއްސަގޮތެއްގައި ތަދު ގަދަވާވަގުތަކީ ރޭގަނޑު ކަމުގައިވަނީ ނަމަ ލަސް ނުކުރައްވައި ޑޮކްޓަރެއްގެ އެހީ ހޯއްދަވާށެވެ. ނޫންނަމަ ދާއިމީ ގޮތެއްގައި ނާރުތަކަށް ގެއްލުންވުން އެކަށީގެންވެ އެވެ.
ފައި ފުރޮޅާލުން
އާންމު ދިރިއުޅުމުގައި މި ކަމަކީ ގިނަ ފަހަރަށް ދިމާވާ ކަމެކެވެ. މިކަން ދިމާވާ ވަގުތު ފައި އެގޮތް މިގޮތަށް ތަޅުވާލުމާއެކު ވަގުތީ ރާހަތެއް ލިބުމުން މިކަމަކީ އެއްވެސް ކަމެއް ނޫން ކަމަށް ހީވެދާނެ އެވެ. ނަމަވެސް ފައި ފުރޮޅާލުމުގެ ސަބަބުން ކުޑަހުޅުގެ ލިގަމެންޓްސް ދެމިގެން ދިއުން ނުވަތަ ލިގަމެންޓްސް އިރައިގެން ދިއުންވެސް އެކަށީގެން ވެ އެވެ. އަދި އެ ސަރަހައްދުގެ ލޭގެ ހޮޅިތަކަށް ގެއްލުންވުންވެސް ހަމަ އެކަށީގެން ވެ އެވެ.
ކޮނޑުހުޅަށް ތަދުވުން
ކޮނޑު ހުޅަކީ ހަތަރު ބަޔަކަށް ބެހިގެންވާ މަސް މުނި އެކުލެވިގެންވާ ހުޅެކެވެ. ކޮނޑުހުޅަށް ތަދުވާނަމަ މީގެން މަސްފޮއްޗަކަށް ގެއްލުމެއް ލިބިފައިވުމަކީ އެކަށީގެންވާ ކަމެކެވެ. އެއްޗެއް އުފުލާ ވަގުތުގައި ކޮނޑުހުޅަށް ވާ ތަދު އިތުރުވާނަމަ ނުވަތަ އެފަދަ ވަގުތުތަކުގައި ކޮނޑުހުޅުން އަޑެއް ކިޔާނަމަ ލަސް ނުކުރައްވައި ޑޮކްޓަރެއްގެ ލަފާ ހޯދަންވާނެ އެވެ.