ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވަކިން ވާދަކުރަން ނިންމުމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަށް މަރުހަބާ ދަންނަވައިފި އެވެ.

ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމާފައި ވަނީ ޖޭޕީން އިއްޔެ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގަ އެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ފާސްކޮށްފައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީން އެހެން ޕާޓީއަކާ ކޯލިޝަން ނުހަދާ ވަކިން ވާދަކުރުމަށެވެ. އެ ހުށަހެޅުން ފާސްވީ 48 މެމްބަރުންގެ ވޯޓުންނެވެ.

ޖުމްހޫރީ ޕާޓީގެ މިނިންމުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. އެމްޑީޕީގެ ޕީޖީ ރަސްމީ ވަޓްސްއަޕް ގުރޫޕުގައި ނަޝީދު ވަނީ ގާސިމަށް މަރުހަބާ ދަންނަވައިފަ އެވެ.

ގާސިމްގެ މިނިންމުމާ ގުޅިގެން ރައީސް ނަޝީދު އުފައްދަވަފައިވާ ފިކުރެއްގެ ދިރުން ފެކްޝަނުން ރޭ ވަނީ ކުއްލި ޕީޖީ ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި ފިކުރެއްގެ ދިރުން ފެކްޝަންގެ ޕީޖީ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ރަސްމީކޮށް ގާސިމް އަށް މަރުހާބާ ދަންނަވައިފަ އެވެ. އަދި ގާސިމްގެ އެ ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށް އާޒިމް ވިދާޅުވި އެވެ.

ޖޭޕީ އާއި އެކުގައި ޖޮއިންޓް ޕީޖީ ގުރޫޕެއް ހެދުމަށް މަޝްވަރާ ކުރައްވާނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފަ އެވެ.

ޕީޖީ ބައްދަލުވުމުގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، އެކުގައި މަސައްކަތް ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުމްހޫރީ ޕާޓީގެ މެމްބަރުންނާ މަޝްވަރާ ކުރަން ޖެހޭ ކަމަށެވެ.

އީވާ ވިދާޅުވީ ޖޭޕީއާ އެކު ޖޮއިންޓް ޕާލިމެންޓްރީ ގުރޫޕެއް ހަދައިގެން އެކުގައި މަސައްކަތް ކުރެވިދާނެ ކަމަށެވެ.