ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އާއި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށް އެ ދެ ޕާޓީ އުވާލައިފި އެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީ ތަކުގެ 12 ވަނަ މާއްދާއިން ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ލާޒިމުކުރާ 3000 އެ ދެ ޕާޓީގައި ހަމަނުވާ ކަމަށެވެ. އަދި މެންބަރުން ހަމަކުރުމަށް، މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އާއި ޑީއާރުޕީއަށް ތިން މަސް ދުވަސް ދިން ނަމަވެސް މެމްބަރުން ހަމަ ކޮށްފައި ނުވާ ކަމަށް އިލެކްޝަނުން ބުނެ އެވެ.

އެހެންވެ 3 މަސް ދުވަހުގެ މުއްދަތުގައި، ޤާނޫނު ލާޒިމްކުރާ ޢަދަދަށް މެންބަރުން ހަމަކޮށްފައި ނުވާތީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ޕާޓީ އުވާލުމަށް ނިންމާފައިވާ ކަމަށެވެ. އެ ދެ ޕާޓީ އުވާލުމުގެ ކުރިން ޕާޓީގެ ދަރަންޏަށް ޒިންމާވާނެ ފަރާތެއް އެންގުމަށް ދެވުނު މުއްދަތުގައި، ދަރަންޏަށް ޒިންމާވާނެ ފަރާތެއް އަންގާފައިނުވާ ކަމަށް ވެސް އިލެކްޝަނުން ބުނެއެވެ. އަދި އެ ދެ ޕާޓީގެ ދަރަންޏަށް ޒިންމާވާނީ އެ ދަރަންޏެއް އުފެދުނުއިރު ޕާޓީގެ އެންމެ އިސްފަރާތެއްގެ ގޮތުގައި ހުންނެވި ފަރާތްކަމުގައި އެ ދެ ޕާޓީ އަށް އަންގާފައި ވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.