ކެލިފޯނިއާ (30 ޑިސެމްބަރު) - އެމެރިކާގެ ކެލިފޯނިޔާގެ ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ނަރުހެއް ވެކްސިން ޖެހިތާ ހަފްތާއެއް ފަހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މެތިއު ނަމަކަށް ކިޔާ 45 އަހަރުގެ ނަރުސް ފޭސްބުކްގައި ޑިސެމްބަރު 18 ގައި ކުރެ ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާ ވެކްސިން ޖެހިފަހުން އަތަށް އެއް ދުވަސް ވަންދެން ތަދުވި ކަމަށާއި ނަމަވެސް އިތުރު އެހެން ކަމެއް ވެކްސިން ޖެހިފަހުން ނުވާ ކަމަށެވެ.
ނަމަވެސް އޭގެ ފަހުން ޑިސެމްބަރު 24 ވަނަ ދުވަހު ހޮސްޕިޓަލުގެ ޑިއުޓީ ޝިފްޓް ނިމުނު ފަހުން ހުން އައިސް ގަޔަށް ތަދުވުމާއި ވަރުބަލިވުން އިހުސާސް ކުރެވުނު ކަމަށެވެ. އެހެންވެ ހޮސްޕިޓަލަށް ގޮސް ޓެސްޓުކުރުމުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އޭނާ ބުންޏެވެ.
ސެންޑިއާގޯ ފެމިލީ އެންޑް ހެލްތް ސެންޓަރުގެ އިންފެކްޝަން ޑިޒީޒް ސްޕެޝަލިސްޓް ކްރިސްޓިއަން ރެމާސް ބުނިގޮތުގައި ކުރިން ވެސް ވެދާނެ ކަމެއް ކަމަށް ކުރިން ވެސް ލަފާކުރެވިފައިވާ ކަމެކެވެ.
މެތިއު ބުނިގޮތުގައި ވެކްސިންގެ ޓެސްޓްތަކުން އެނގޭ ގޮތުގައި ވެކްސިން ދިނުމުން ހަށިގަނޑުގައި މި ވައިރަސްއާ ދެކޮޅަށް މަސައްކަތްކުރުމަށް 10 ނުވަތަ 14 ދުވަސް ނަގާނެ އެވެ. އަދި ފުރަތަމަ ވެކްސިން ޑޯޒް ދިނުމުން ރައްކާތެރިކަން ދޭނީ ގާތްގަނޑަކަށް 50 ޕަސެންޓަށެވެ. 95 ޕަސެންޓަށް ރައްކާތެރިކަން ލިބޭނީ ވެކްސިން ގެ ދެވަނަ ޑޯޒް ދިނުމުން ކަމަށް އޭނާ ބުންޏެވެ.
އެހެންކަމުން ވެކްސިން ދިނުމަށް ފަހު ވެސް ކޮވިޑް ޖެހުމުގެ ފުރުސަތު އޮންނާނެ އެވެ. ވައިރަސްއާ ދެކޮޅަށް މަސައްކަތްކުރުމަށް އަހަރުމެންގެ ހަށިގަނޑަށް ވަގުތު ބޭނުންވާނެ ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ. - ޗެނެލް ނިއުސް އޭޝިއާ