ދުނިޔޭގެ އެންމެ އުފާވެރި ގައުމުގެ ލަގަބު ޖެހިޖެހިގެން ހަވަނަ ފަަހަރަށް ޔޫރަޕްގެ ފިންލެންޑުން ހޯދައިފި އެވެ.

"ވޯލްޑް ހެޕިނަސް ރިޕޯޓް"އަކީ އެކި ކަންކަމަށް ބެލުމަށްފަހު ކޮންމެ އަހަރަކު ވެސް ނެރޭ ރިޕޯޓެެކެވެ. އޭގެ ތެރޭގައި ދިރިއުޅުމުގެ ފެންވަރާއި ލިބެން ހުރި ޚިދުމަތްތަކުގެ އިތުރުން ގައުމުގެ އަމަން އަމާން ކަން ވެސް ހިމެނެ އެވެ.

ފާއިތުވެ ދިޔަ ހަ އަހަރު ވެސް މި މަގާމު ފިންލެންޑުން ހޯދާފައިވާއިރު އެގައުމު ވެފައިވަނީ ޔޫރަޕަށް ދަތުރުކުރާ ފަތުރުވެރިންގެ މެދުގައި ވެސް މަގުބޫލު މަންޒިލަކަށެވެ.

ފިންލެންޑަކީ ގުދުރަތީ ރީތިކަމުގެ އިތުރުން ބާޒާރު ކުރުން ފަދަ ކަންކަން ވެސް ރަނގަޅަށް ކުރެވޭ ގައުމަކަށް ވުމާއެކު އެގައުމުގައި ފަތުރުވެރިކަން ވަރަށް ބޮޑަށް ހިނގަ އެވެ.

ވޯލްޑް ހެޕިނަސް ރިޕޯޓް 2023ގައި ބުނެފައިވަނީ ކޮވިޑް 19ގެ އުނދަގޫ އަހަރުތަކަށްފަހު ވެސް ފިންލެންޑުން ވަނީ އެގައުމުގެ ދިރިއުޅުުމުގެ ފެންވަރު އެއްވަރެއްގައި ހފަހައްޓާފައިވާ ކަމަށެވެ.

ފިންލެންޑާ އެންމެ ކައިރިން މި ލަގަބަށް ވާދަކޮށްފައިވަނީ ޑެންމާކާއި އައިސްލޭންޑް އަދި އިޒްރޭލް އެވެ. 20 ގައުމު ހިމެނޭ އެ ލިސްޓުގައި ޔޫރަޕުގެ ބޭރުން ހިމެނެނީ މަދު ގައުމެކެވެ.

އެ ރިޕޯޓުގައި ބުނާގޮތުން ނަމަ ދުނިޔޭގައި އުފާވެރިކަން އެންމެ ކުޑަ ގައުމަކީ އަފްޣާނިސްތާނެވެ. އެއާއެކު ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އެގައުމުގެ ދަރަޖަ ވެސް ވަރަށް ބޮޑުތަނުން ވަނީ ވެއްޓިފަ އެވެ.