ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް މަސައްކަތް ކުރައްވާ، އެ ސިޔާސަތުތައް ގަބޫލުނުކުރައްވާ ބޭފުޅުންނަށް ސަރުކާރުގެ އިސް މަގާމުތަކުން ވަކި ކުރަން ޖެހޭނެ ކަމަށް ގައި އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ސަން އޮންލައިންއަށް ދެއްވާފައިވާ އިންޓަވިއުއެއްގައި އަސްލަމް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ފާޅުގައި މަސައްކަތްކޮށް އެ ސިޔާސަތުތައް ގަބޫލު ނުކުރައްވާ ބޭފުޅުންނަށް މަގާމް ތަކުގައި ނުތިއްބެވޭނެ ކަމަށެވެ. އަސްލަމް މިހެން ވިދާޅުވެފައިވާއިރު އެސްޓީއޯގެ އެމްޑީގެ މަގާމުން ރައީސް ސޯލިހުވަނީ ހުސެއިން އަމްރު ވަކިކުރައްވާފަ އެވެ. އެއީ ރައީސް ސޯލިހުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވާ ކަމަށް ބުނެ އެވެ.

އަސްލަމް ވިދާޅުވީ ސަރުކާރާއި ރައީސް ގެންގުޅުއްވާ ސިޔާސަތުތަކާ ފާޅުގައި ދެކޮޅު ވާ ހިސާބުން މަގާމުން ވަކިކުރަން ޖެހޭނެ ކަމަށެވެ. މަގާމުތަކުގައި ތިއްބަވަނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރަން ތިއްބަވާ ބޭފުޅުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެސްޓީއޯ އަކީ ކާޑު އެތެރެ ކުރާ ކުންފުނި، ތެޔޮ އެތެރެ ކުރާ ކުންފުނި، ބޭސް އެތެރެ ކުރާ ކުންފުނި. އެ ފަދަ މަގާމެއްގައި ހުންނަވާ ބޭފުޅަކު ކަނޑައެޅިގެން ސަރުކާރަށް ޗެލެންޖު ކުރައްވާއިރު މަގާމުން ވަކި ކުރަން ޖެހޭނެ، ސަރުކާރުގެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން،" އަސްލަމް ވިދާޅުވެފައިވެ އެވެ.

ސަރުކާރުގެ ސިޔާސަތާ ދެކޮޅު އެހެން ޕާޓީއެއްގެ ބޭފުޅަކު ހުންނެވި ނަމަވެސް ވަކިކުރަން ޖެހޭނެ ކަމަށް އަސްލަމް ދެކެވަަޑައިގަންނަވަ އެވެ. އަސްލަމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ބޭފުޅުން އެހެން އުޅުއްވާކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެހެން އުޅުއްވާނަމަ މަގާމުގައި ބައިތިއްބައިގެން ނުވާނެ ކަމަށެވެ.