ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ހުރަސް އަޅައި ސެކިއުރިޓީ ބްރީޗް ވުމުގައި އިހުމާލުވި މައްސަލަ ދިރާސާ ކުރަމުން އަންނަ މަޖިލީހުގެ 241 ކޮމިޓީގެ ހުރިހާ ބައްދަލުވުމެއް ސިއްރުކޮށްފި އެވެ.

އެކަމާ ގުޅޭ ގޮތުން މިއަދު 241 ކޮމިޓީން 11 ޖެހިއިރު ބޭއްވި ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ފުލުހުންގެ އެހެން ބައެއް އިސްވެރިން ވަނީ އެ ހާދިސާއާ ގުޅޭ ގޮތުން ކޮމިޓީ އަށް މައުލޫމާތު ދެއްވާފަ އެވެ. އެހެން ނަމަވެސް އެ ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ ރައީސްގެ ސެކިއުރިޓީއާ ގުޅޭ މައްސަލައަކަށް ވާތީ އެކަމާ ގުޅޭ ގޮތުން ބާއްވާ ހުރިހާ ބައްދަލުވުމެއް ސިއްރު ކުރަން ނިންމާފައިވާ ކަމަށެވެ.

މިއަދުގެ 1:00 ގައި އެމްއެންޑީއެފްގެ އިސްވެރިން ވެސް މަޖިލީހަށް ހާޒިރުވެ އެކަމާ ގުޅޭ ގޮތުން ކޮމިޓީ އަށް މައުލޫމާތު ކޮށްފައިވެ އެވެ.

ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައާ ގުޅިގެން މިހާރުވަނީ މިފަދަކަމެއް ދިމާވުމުން އެމްއެންޑީއެފްގައި ޢަމަލުކުރަމުން އަންނަ ޕްރޮސީޖަރތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑިންގ އޮފިސަރގެ މަގާމުގެ މަސްޢޫލިއްޔަތާއި ޒިންމާތަކުން ވަނީ އެކަހެރިކޮށްފަ އެވެ. އަދި ޕްރެޒިޑެންޝަލް ގާޑްސް ވަގުތީ ގޮތުން ހިންގެވުން މޭޖަރ އިބްރާހިމް ހަލީމްއާ ވަނީ ހަވާލުކޮށްފަ އެވެ.