ދައުލަތަށް ޓެކްސްްތަކުން ލިބޭ އާމްދަނީ ހުރީ 30 ޕަސެންޓްގައި ކަމަށާއި މިހާރު މިދާ މިސްރާބުގައި ހިފެހެއްޓޭ ނަމަ ބަޖެޓުގައި އަންދާޒާ ކުރި މިންވަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ދަރަނީގެ ސްޓްރެޓެޖީ އަންގައިދޭ ބަޔާން އަދި 2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ކޭޝްފްލޯ ޕްލޭންއާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުން އެކަށައަޅާފައިވާ ޕްލޭނާ އެއްގޮތަށް ދައުލަތުގެ މާލީ ކަންކަން ކުރިއަށްދާ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދުގެ އެންމެ ބޮޑުބައެއް ހިއްސާކުރާ ޓޫރިޒަމް އަންދާޒާ ކުރި މިންވަރަށް ވުރެ ވެސް ހުރީ ރަނގަޅަށް ކަމަށާއި އެގޮތުން މިއަހަރުގެ މިހާތަނަށް ވެސް ޓޫރިޒަމް ދާއިރާ ހުރީ އަންދާޒާ ކުރި ވަރަށް ވުރެ 4 ޕަސެންޓް މަތިކޮށް ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުންނާއި، ކޭޝްފްލޯ މެނޭޖް ނުކުރެވޭނެ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ކޭޝްފްލޯ މެނޭޖްކޮށް، މިއަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާ ކަންކަން ތަންފީޒު ކުރެވޭނެ ކަމަށެވެ.
އަމީރު ވިދާޅުވީ މިއަހަރު ރާއްޖޭގެ އިންފްލޭޝަން އަންދާޒާ ކުރާ މިންވަރަށް ހިފެހެއްޓިފައި ހުންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި މިއަހަރަށް ލަފާކުރި ބަޖެޓުގައި އިންފްލޭޝަން ހުންނާނެ ކަމަށް ލަފާކުރީ 5.4 އިންސައްތައިގައި ކަމަށާއި، ނަމަވެސް މިއަހަރުގެ މިހާތަނަށް އިންފްލޭޝަން ހުރީ 3.9 އިންސައްތައިގައި ކަމަށެވެ. އަދި ސަރުކާރުން އެކިއެކި ސިޔާސަތަށް ގެންނަ ބަދަލާއެކު އެންމެ ބޮޑު އަމާޒަކަށް ހަދާފައިވަނީ އިގްތިސާދު ކުރިއެރުވުން ކަމަށާއި، އެގޮތުން ވަޒީފާ އިތުރުކޮށް ތަކެތީގެ އަގު ހިފެހެއްޓުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް ސިޔާސަތު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިދިޔަ ހަތަރު އަހަރުގެ ދައުލަތުގެ އިގްތިސާދީ ހާލަތަށް އައި ބަދަލުތަކާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ 2019 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު 7.5 އިންސައްތަ ކުރިއެރި ކަމަށެވެ. 2020 ވަނަ އަހަރު ކޮވިޑުގެ ހާލަތާއެކު އިގްތިސާދު 33 އިންސައްތަ ދަށަށް ދިޔައިރު، 2021 ވަނަ އަހަރު ސަރުކާރުން އެޅި އިގްތިސާދީ ފިޔަވަޅުތަކާއެކު 4.2 އިންސައްތަ ކުރިއެރި ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރު 12.3 އިންސައްތަ ކުރިއެރިއިރު، މިއަހަރު ރާއްޖޭގެ އިގްތިސާދު 7.6 އިންސައްތައިން ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އައމްރު ރއްޔިތުން ރުއްސަނީ ދޮގު މަޢުލޫމާތު ދީގެން،