ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އުފައްދާފައިވާ "ފިކުރެއްގެ ދިރުން" އަށް ތާއީދު ކުރައްވާ މެމްބަރުންނާއި މެދުގައި ފިޔަވަޅު އެޅުމަށް އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕްގައި އެދިވަޑައިގެންފި އެވެ.

އެ މެންބަރުންނަށް ފިޔަވަޅު އަޅައިދިނުމަށް ޕީގީގައި އެދުނީ ޕީޖީގެ ޗީފް ވިޕް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ އެވެ.

މުޣްނީ އެމްޑީޕީ ޕީޖީ ލީޑަރު މުހައްމަދު އަސްލަމަށް އެޑްރެސް ކުރައްވައި ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ފިކުރެއްގެ ދިރުމުގެ މެންބަރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް އެކި ގަރާރުތައް ހުށަހަޅައި ކޮމިޓީތަކުގައި ވެސް އެ ރޫހުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެހެންކަމުން ފިކުރެއްގެ ދިރުން ނަމުގައި ވަކި ޕާލިމެންޓްރީ ގްރޫޕެއް ހައްދައިގެން ކޮމިޓީތަކުގައި މަސައްކަތް ކުރަމުން ގެންދާ އެމްޑީޕީގެ ސްލޮޓްތަކުގައި ތިބި މެންބަރުން މަޖިލީހުގެ ގަވާއިދުގެ 130 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން އެ ކޮމިޓީތަކުން ވަކިކޮށް، ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް އެ މައްސަލަ ހުށަހަޅައި ދިނުމަށް ޗީފް ވިޕްގެ ހައިސިއްޔަތުން އެދި ދެންނަވާ ކަމަށް މުޣްނީ ވިދާޅުވެފައިވެ އެވެ.

އެ ސިޓީގައި އިތުރަށް ވަނީ ރައީސް ނަޝީދު ފިކުރެއްގެ ދިރުމުގެ މެމްބަރުންނަކީ، އެމްޑީޕީގެ ފަރާތުން ކޮމިޓީތަކަށް ހަމަޖައްސާފައިވާ މެންބަރުން ކަމާއި ބައެއް މެންބަރުން ކޮމިޓީތަކުގެ މުގައްރިރުގެ މަގާމުގައި ވެސް ތިއްބެވިކަން ވެސް ފާހަގަކޮށްފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިން ބަލިވުމުން ރައީސް ނަޝީދު ނިންމެވީ އެމްޑީޕީގެ އެތެރޭގައި "ފިކުރެއްގެ ދިރުން" ނަމުގައި ގޮތްޕެއް އުފެއްދެވުމަށެވެ. އެގޮތުން އެގޮފި އުފެއްދެވުމަށް އެމަނިކުފާނަށް ތާއިދުކުރައްވާ މެމްބަރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި އެމެމްބަރުން ދަނީ ސަރުކާރަށާއި ރައީސް ޞާލިހަށް ވަރަށް ބޮޑަށް ފާޑުކިޔުއްވަމުންނެވެ.

މިއަހަރު ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު ވަނީ ގާސިމަށް ތާއީދު ކުރައްވަން ނިންމަވާފަ އެވެ.