އާޒަރްބައިޖާނަށް ނިސްބަތްވާ 33 އަހަރުގެ އަންހެނަކު ކީރިތި ގުރުއާން އެއްކޮށް ސިލްކު ފޮތީގައި ލިޔެ ނިންމައިފި އެވެ.

ތަންޒާލޭ މެންމެޒާދޭ ނަމަކަށް ކިޔާ އެމީހާ އަތުރޮދިން ގުރުއާން ލިޔަން ފެށީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ މަސައްކަތް އޭނާއަށް ނިންމާލެވުނީ 2020 ވަނަ އަހަރު އެވެ.

މިއާއެކު ތަންޒާލޭ ވެފައިވަނީ ކީރިތި ގުރުއާން އެއްކޮށް އަތުން ލިޔުނު ފުރަތަމަ އަންހެނާ އަށެވެ. އޭނާ ވަނީ އޭނާގެ އެ ތަޖުރިބާ މީޑިއާއާ ހިއްސާކޮށްފަ އެވެ.

ތަންޒާލޭ ބުނީ އޭނާއަށް އެ ޚިޔާލު އައީ އެކި އެއްޗެހީގައި ގުރުއާން ލިޔެވެމުން އައި ނަމަވެސް އެއްވެސް އެއްޗެއް ރަނގަޅަށް ބޭނުން ނުކުރެވޭތީ ކަމަށެވެ.

މި މަސައްކަތަށްޓަކައ 50 ކިލޯގެ ސިލްކު ކަޅު ފޮއްޗާއި 150 ލީޓަރުގެ ރަން އަދި ރިހީގެ ދެލި ބޭނުން ކޮށްފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

އަތުލިޔުމަކީ އިސްލާމީ ތާރީޚުގައި ވެސް ވަރަށް މުހިއްމު ދައުރެއް އަދާކުރާ ކަމަކަށް ވާއިރު މުސްލިމުންގެ މިފަދަ މަސައްކަތްތަކަކީ ތާރީހު ރައްކާ ކުރުމަށް މުހިއްމު މަސައްކަތްތަކެވެ.