ފުރިހަމަ މުސާރައާއެކު ގޭގައި މަޑުކޮށްލަން އޮފީހުން ބުނެފިނަމަ ހަދާނީ ކިހިނެއް ހެއްޔެވެ؟ އެގޮތަށް އެއް އަހަރު އެއްވެސް މަސައްކަތެއް ނުކޮށް ހުންނަން ލިބިއްޖެނަމަ ގަބޫލު ކުރެވޭނެ ހެއްޔެވެ؟

ގިނަ ބައެއްގެ މި ހުވަފެން ޗައިނާގެ ފިރިހެނަކަށް މިވަނީ ހަގީގަތަކަށް ވެފަ އެވެ. އޭނާ މަސައްކަތް ކުރާ ކުންފުނިން ވަނީ މުސާރައާއެކު އެއް އަހަރުގެ ޗުއްޓީއެއް ހަދިޔާ ކޮށްފަ އެވެ.

ޗައިނާގެ އެ ކުންފުނިން މި ހަދިޔާ އެ މީހާއަށް ދިނީ އެ ކުންފުނީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފުލާއެއްގަ އެވެ. ކޮވިޑް 19 ޕެންޑަމިކްގެ ސަބަބުން ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެ އެނުއަލް ޕާޓީގައި އެމީހާއަށް އިނާމު ލިބުނީ ނެގި ގުރުއަތަކުންނެވެ.

މެނޭޖަރެއްގެ ގޮތުގައި އެ ކުންފުނީގައި މަސައްކަތްކުރީ އެ މީހާއަކީ އޮފީސް ކަންކަމުގައި ވަރަށް ގިނައިން ދަތުރުކޮށް އުޅުނު މީހެއް ކަމަށް ބުނެވެ އެވެ. އެހެން ކަމުން މި "ބްރޭކަކީ" އޭނާއަށް ރަނގަޅު ހަދިޔާއެއް ކަމަށް މީހުން ބުނެ އެވެ.

އެހެން ނަމަވެސް އޭނާ އަހަރު ދުވަހުގެ ޗުއްޓީ ބޭނުންނުވާ ނަމަ މުސާރައިގެ އިތުރުން ޗުއްޓީގެ ބަދަލުގައި އިތުރު ފައިސާގެ އިނާމަކަށް އެދުމުގެ ފުރުސަތު ވެސް އޭނާއަށް ވަނީ ދެވިފަ އެވެ.

އޭނާއަށް ލިބުނު ހަދިޔާގެ ރަމްޒީ ޗެކަކާ ހަވާލުވާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު އިންޓަނެޓުގައި ދައުރުވަމުން އަންނައިރު އެ ވީޑިއޯއަށް ގިނަ ބަޔަކު އަންނަނީ ކޮމެންޓް ކުރަމުންނެވެ.

މިއީ ޗައިނާގެ ކުންފުންޏަކުން މުވައްޒަފުންނަށް މިފަދަ އިނާމެއް ދިން ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް ޗައިނާގެ ކުންފުންޏަކުން މުސާރައާއެކު މުވައްޒަފަކަށް އެއް އަހަރުގެ ޗުއްޓީ ދީފައިވެ އެވެ.