ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ޕީޕީއެމް އަށް ކާމިޔާބުކުރުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކޮށްދެއްވި ކަމަށް ވިދާޅުވެ އެމަނިކުފާނަށް ޕީއެންސީގެ ނައިބު ރައީސް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ޝުކުރު އަދާ ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވަނީ ޕީޕީއެމްގެ ކެންޑީޑޭޓަށް ވޯޓުދެއްވި ހުރިހާ އެންމެނަށް ޝުކުރުއަދާ ކުރައްވާފަ އެވެ.

އެގޮތުން ގުރައިދޫ ދާއިރަގެ ބައި- އިލެކްޝަން ޕީޕީއެމަށް ހޯދައިދިނުމަށް ފިކުރެއްގެ ދިރުމުން ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ދިން ކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފަ އެވެ. އަދި އެމްޑީޕީން އެފަދަ އެހީތެރި ކަމެއް ފޯރުކޮށްދީފައި ވާތީ އެބޭފުޅުންނަށް ޝުކުރު އަދާކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އިންތިހާބު ޕީޕީއެމަށް ކާމިޔާބު ކޮށްދެއްވުމަށްޓަކައި ފިކުރެއްގެ ދިރުމެއްގެ ފަރާތުން ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާފައިވާތީވެ އެ ބޭފުޅުންނަށް ވެސް އަޅުގަނޑު ޝުކުރު ދަންނަވަން،" އާދަމް ޝަރީފު ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ ބައެއް މެމްބަރުން ވެސް ވަނީ ރައީސް ނަޝީދުގެ ފެކްޝަނުން ގުރައިދޫ ދާއިރާގެ ގޮނޑި އިދިކޮޅު ޕީޕީއެމް ޕީއެންސީ އަށް ކާމިޔާބުކޮށްދެއްވަން މަސައްކަތް ކޮށްދެއްވި ކަމަށް ވިދާޅުވެފަ އެވެ.

ގުރައިދޫ ދާއިރާ އަށް ކުރިމަތިލެއްވި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓު ނުދިނުމަށް އެދި ރައީސް ނަޝީދުގެ ފެކްޝަންގެ އިސް ބޭފުޅުން އެކި މެމްބަރުންނަށް ގުޅުއްވި ކަމަށްވެސް އިންތިހާބުގެ ކުރިން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެސް ތުހުމަތު ކުރެއްވި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒެވެ.