މުވައްޒަފުންނަށް ފްލެޓް ބެހި ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދަނީ ފޭކް ލިސްޓެއް ކަމަށާއި އެއްވެސް މުވައްޒަފަކަށް ފްލެޓް ބަހާފައި ނުވާނެ ކަމަށް އާބަންކޯއިން މިއަދު ބުނެފި އެވެ.

އާބަންކޯއިން މިހެން މި ބުނީ އާބަންކޯގެ ބޯޑް މެންބަރުންނާއި އެހެން ވެސް ބައެއް އިސްވެރިން ހިމެނޭ ގޮތަށް އެ ކުންފުނީގެ 34 މުވައްޒަފަކަށް ފްލެޓް ބަހަން ނިންމާފައިވާ ކަމަށް ތުހުމަތުކޮށް، ނަން ލިސްޓެއް ސޯޝަލް މީޑިއާގައި ދައުރުވުމާ ގުޅިގެންނެވެ.

އާބަންކޯ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މުވައްޒަފުންނަށް ވިއްކުމަށް ހުޅުވާލި ޔުނިޓްތަކަކީ ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން ތަރައްގީކުރާ ހަތަރު މަޝްރޫއަކުން އެ ކުންފުންޏަށް އެ މަޝްރޫއުތައް ހިންގުމަށް ދެވިފައިވާ ބިމުގެ އަގުގެ ބަދަލުގައި އެއްބަސްވެފައިވާ ޔުނިޓްތަކެއް ކަމަށެވެ. އަދި މި ޔުނިޓްތައް ވަނީ މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ސްޓާފް ހައުސިން ސްކީމްގެ ދަށުން "އެންޑް ޔޫސާ ފައިނޭންސް މޮޑެލް"ގެ ދަށުން ވިއްކުމަށް ހުޅުވާލާފައި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ނަމަވެސް، ފްލެޓްތަކަށް އެދި ކުރިމަތިލީ ފަރާތްތަކަށް ފުރުސަތުދީ ނިމުނުއިރު، ބައެއް ޔުނިޓްތައް ވަނީ ނުވި ކިކަމަށާއި. އެގޮތުން، ބައެއް މުވައްޒަފުން ޔުނިޓްތައް ދޫކޮށްލާފައިވާތީ އާއި، ބައެއް މުވައްޒަފުން ޝަރުތު ހަމަނުވާތީ 34 ޔުނިޓެއް ބާކީވި ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

ހަމައެއާ އެކު މިދިޔަ އަހަރު ހިންގި ސްޓާފް ހައުސިން ސްކީމް ހުޅުވާލި ފަހުން އެއް އަހަރުވެފައި ވުމާއެކު، އެ ސްކީމްގެ ތެރެއިން ފުރުސަތު ނުލިބި ގިނަ މުވައްޒަފުންތަކެއް ތިބި ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

އެހެންކަމުން އެ މުވައްޒަފުންނަށް އާ ފުރުސަތެއް ދިނުމާއެކު ކުންފުނިން ހިންގަން ރާވާފައިވާ މަޝްރޫއުތަކަށާއި ވިޔަފާރި އުސޫލުން ދޫކޮށްފައިވާ ބިންތަކުގެ އަގު ހަމަ ކުރުމަށް ބޭނުންވާތީ އަލުން އެ 34 ޔުނިޓް ވިއްކުމަށް ހުޅުވާލުމަށް އާބަންކޯ އިން މިހާރު ވަނީ އިއުލާން ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އާބަންކޯ އިން ބުނީ މިފަހަރު ހުޅުވާލެވޭ 34 ޔުނިޓް ގަތުމަށް 800 އަށް ވުރެ ގިނަ މުވައްޒަފުން ޝަރުތު ހަމަވާ ކަމަށެވެ. އަދި އެ ޔުނިޓްތައް ވަކި އުސޫލެއްގެ ތެރެއިން ވިއްކުމަށް ކަނޑައަޅާ، ޕޯޓަލްއެއް މެދުވެރިކޮށް މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އާބަންކޯ އިން ބުނެފައިވެ އެވެ.

އެ ކުންފުނިން ނެރުނު މެމޯއާއި ޔުނިޓްތަކުގެ އަގުތަކާއެކު އެ ކުންފުނީގެ އިސްވެރިންގެ ލިސްޓެއް ކަމަށް ބުނެ އަމިއްލައަށް ތައްޔާރުކޮށްފައިވާ ސައްހަ ނޫސް ލިސްޓެއް ކާކުކަން ނޭނގޭ އެކައުންޓަކުން، ސޯޝަލް މީޑިއާގައި ދައުރުކުރަމުން ދަނީ ކަމުގެ ހަގީގަތް އޮޅުވާލައި ކުންފުނީގެ އަގު ވައްޓާލަން ކަމަށް އާބަންކޯ އިން ބުނެ އެވެ. އަދި ހުޅުމާލޭގައި ހިންގާ މަޝްރޫއުތަކާއި ވަކިން ހާއްސަކޮށް އާންމުންނާ ގުޅިފައިވާ ހުންނަ މިފަދަ މަސައްކަތްތައް ބައްޓަން ކުރެވިފައި ވަނީ ވީހާ ވެސް ހާމަކަން ބޮޑުކޮށް، ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވައިދުގެ ތެރެއިންކަމަށް ވެސް އާބަންކޯގެ ބަޔާނުގައިވެ އެވެ.