ދަރިމައިނުވުމުގެ މައްސަލަތައް ދިމާވެފައިވާ މީހުންނަށް ފަރުވާ ލިބޭނެ ގޮތް ފަސޭހަ ކޮށްދިނުމަށް، އެ ފަރުވާ އާސަންދައިގެ ނިޒާމުގެ ތެރޭގައި ހިމެނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރު ކޮމެޓީން ފާސްކޮށްފި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ހުށަހެޅުއްވި މި ގަރާރުގައި ވިދާޅުވެފައި ވަނީ ބޭސްފަރުވާގެ ޚިދުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ހިލޭ ލިބެންޖެހޭ ޚިދުމަތެއް ކަމަށް ކަނޑައަޅައި އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމެއް ގާއިމުކުރައްވާފައިވާ ކަމަށެވެ. ނަމަވެސް މިނިޒާމުގެ ތެރެއިން ބޭސްފަރުވާގެ ބައެއް ކަންކަން ނުކުރެވޭ ގޮތަށް އޮތުމަކީ ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޚާއްސަކޮށް ދަރިމައިވުމުގެ މައްސަލަ ދިމާވެފައިވާ ފަރާތްތަކަށް ބޭނުންވާ އެންމެ އަސާސީ ބޭސް ވެސް ރާއްޖެއިން ލިބެން ނުހުންނަކަމީ ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އަދި މި މައްސަލައަކީ މުޖުތަމައުގައި އޮތް ބޮޑު މައްސަލައަކަށްވާއިރު މިއަދާ ހަމައަށް ވެސް މިކަމަށް އެކަށީގެންވާ ދިރާސާއެއް ހެދިފައި ނުވާކަމީ ވެސް ކަންބޮޑުވުމެއް ކަމަށް މީކާއިލްގެ މައްސަލާގައިވެ އެވެ.
އިޖުތިމާއީ ކޮމިޓީން މި ބިލު ދިރާސާކުރައްވައި އެކުލަވާލައްވާފައިވާ ރިޕޯޓުގައި ގަރާރާ ގުޅިގެން ތިން ކަމެއް ވަނީ ފާހަގަކޮށްފައިވެ އެވެ. އެގޮތުން ރާއްޖޭގައި ދަރިމައިވާ ރޭޓު ދަށްވުމުގައި އިންފާޓިލިޓީއާ ގުޅުމެއް ހުރިތޯ ބެލުމަށް ދިރާސާއެއް ހެދުމަށް ކޮމިޓީން އިސްނެންގެވުމަށް ވަނީ ހިމަނާފައިވެ އެވެ. އަދި ހުސްނުވާ އާސަންދައިގެ ތެރޭގައި މިކަމަށް ކުރަންޖެހޭ ފަރުވާތައް ހިމަނަން ޖެހޭ ކަމަށާއި އެކަމަށްޓަކައި ގަވާއިދުތަށް އިސްލާކުރަން ޖެހޭ ކަން ފާހަގަކޮށްފައިވެ އެވެ. މީގެ އިތުރަށް ދަރިމައިނުވުމުގެ މައްސަލަތަކަށް ސަރުކާރުގެ ހޮސްޕިޓަލްތަކުން ފަރުވާލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ވެސް ވަނީ ހިމަނާފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ހެލްތު މިނިސްޓްރީން ހިއްސާކުރި މައުލޫމާތަށް ބަލާއިރު ޓޯޓަލް ފާޓިލިޓީ ރޭޓް 2009 ވަނަ އަހަރު 2.5 ހުރިއިރު 2016 އަދި 2017 ވަނަ އަހަރުގައި މި ރޭޓްވަނީ 2.1 ދަށްވެފަ އެވެ. އަދި މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސާވޭގައި ބައިވެރިވި 15 އަހަރާއި 49 އަހަރުގެ އަންހެނުންގެ ތެރެއިން 2.1 ޕަސެންޓް މީހުންނަކީ ދަރިމައި ނުވެވޭ ކަމަށް ބުނެފައިވާ މީހުންނެވެ. މީގެ އިތުރަށް ދަރިމައިނުވުމުގެ މައްސަލައަށް ފަރުވާދިނުމަށް ޕްރައިވެޓް ސެކްޓަރުން ތައްޔާރުވަމުންދާކަން ފާހަގަކުރައްވައި ހެލްތު މިނިސްޓްރީން ވަނީ ޚިދުމަތުގެ އަގުތައް ކަނޑައެޅުމުގައި ރާއްޖެއިން ބޭރުން ޚިދުމަތްދޭ އަގަށްވުރެ ކުޑަކޮށް އަގު ކަނޑައެޅުއްވުމަށް އިލްތިމާސްކޮށްފަ އެވެ.
ދަރިމައިވުމުގެ މައްސަލަ ކުރިމަތިވާ އާބާދީ ރާއްޖޭގައި އަންނަނީ އިތުރުވަމުންނެވެ. ދަރިމައިވުމުގައި ދިމާވާ މައްސަލަތަކަކީ މިހާރު ރާއްޖެއިން ފަރުވާދެވެން ނެތް ކަމެކެވެ. އަދި ދަރިމައިވުމުގެ މައްސަލަތައް ހުންނަ ގިނަ އަދަދެއްގެ ދިވެހިން މި ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށްދާކަން އާސަންދައިގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.