ބޮޑު އޮޕަރޭޝަނެއް ކުރުމަށްފަހު ދިރިއުޅުން އޭގެ ކުރިން އޮތް ގޮތަށް ކުރިއަށް ނުދާނެ ކަމަށް ގަބޫލު ކުރެވޭ ގަބޫލު ކުރުމެއް އަހަރުމެންގެ ތެރޭގައި އޮވެ އެވެ. އޮޕަރޭޝަނަށްފަހު ކުރިން ކުރަމުން އައި އެތައް ކަމެއް ދޫކޮށްލަން ޖެހޭނެ ކަމަށް އޮންނަނީ ހީވެފަ އެވެ.

އެހެން ނަމަވެސް އައިސްލޭންޑަށް ނިސްބަތްވާ 49 އަހަރުގެ ފެލިކްސް ގްރޭޓަސަން އަންނަނީ އެ ހީތަކަކީ މުޅިން ކުށްހީއެއް ކަމަށް ސާބިތު ކޮށްދެމުންނެވެ.

1998 ވަނަ އަހަރު ވަޒީފާގެ މާހައުލުގައި ކުރިމަތިވި ހިތާމަވެރި ހާދިސާއަކާއެކު އޭނާ ޖެހުނީ އޭނާގެ ދެ އަތަށް އަލްވަދާއު ކިޔާށެވެ. އެތައް ސަތޭކަ ކިލޯވޯޓެއްގެ ކަރަންޓު ޝޮކެއްގައި ޖެހުމަށްފަހު އޭނާ ވަނީ ޖެހިގެން އައި ވިއްސަކަށް އަހަރު ދެއަތާ ނުލާ އުޅެފަ އެވެ.

2022 ވަނަ އަހަރު 15 ގަޑިއިރަށް ދެމިގެން ދިޔަ ސާޖަރީއަކަށްފަހު ގްރޭޓަސަންގެ ދެ އަތް ކޮނޑުހުޅުން ބުރިކޮށްލާފައިވާ ތަނުން އެހެން އިންސާނެއްގެ އަތް ގުޅުވުނެވެ.

މިއީ މުޅި ދުނިޔޭގައި ވެސް އިންސާނެއްގެ ދެ އަތް ޓްރާންސްޕްލާންޓް ކުރެވުނު ފުރަތަމަ ފަހަރެވެ. މިއީ ސިއްހީ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމުގައި މާހިރުން ބުނެފައިވެ އެވެ.

ސާޖަރީއަށް ދެ އަހަރުވެފައިވާއިރު ގްރޭޓަސަންއަށް އާއްމު ދިރިއުޅުމުގެ ކަންކަން މިހާރު އަމިއްލައަށް ކުރެވެ އެވެ. ހެދުން އެޅުމާއި ކެއުމުން ފެށިގެން ބުންވަރު ބޭނުންވާ ކަންކަން ވެސް އޭނާ އަންނަނީ ކުރަމުންނެވެ.

ދާދިފަހުން އާއްމުވި ވީޑިއޯއެއްގައި ގްރޭޓަސަން އޭނާގެ ކާރު ދުއްވައި ޖިމަށް ގޮސް ކަސްރަތު ކުރާ މަންޒަރު ފެންނައިރު ފެންނަ ފެނުމަށް ސިއްހަތު ރަނގަޅަށް ހުރި މީހަކާ އެއްވެސް ތަފާތެއް ނެތެވެ.

ގްރޭޓަސަން ބުނީ އަހަރުތަކަކަށްފަހު އޭނާގެ އާއިލާގެ މެެމްބަރުންނާ ބައްދާލަން ލިބިފައިވާ ކަމަށާއި ދިރިއުޅުމުގެ ކުދި ކުދި ކަންކަން އެހެން މީހަކަށް ބަރޯސާނުވެ ކުރެވުމަކީ ލިބޭ އުފަލެއް ކަމަށެވެ.

ގްރޭޓަސަންގެ ދިރިއުޅުމުން ވެސް އެނގޭ ކަަމަކީ ހިތްވަރާއެކު ކަމަކާ ކުރިމަތިލައިފިނަމަ ކާމިޔާބު ވާނެ ކަމެެވެ. ބޭނުންވަނީ ވަރުގަދަ އަޒުމަކާއި ނުގުޑާފަަދަ ހިތްވަރު ކަމެވެ.