ކޮންމެ ދުވަހެއްގެ ހެނދުނު ވެސް އޭނާ މޫނާއި އަަތާފައި ދޮވެގެން އައިސް އެ ފޮތުގައި ފަރުވާތެރިކަމާއެކު ބޮސްދެ އެވެ. އެއީ އޭނާގެ ކޮންމެ ދުވަހެއްގެ ވެސް އާދަ އެވެ.
މިއީ އަލްބޭނިއާއަށް ނިސްބަތްވާ މާރިއޯ ޕްރޫޝީ އޭނާގެ ދުވަސް ފަށާ ގޮތެވެ. އާއިލާގެ ޖީލުތަކަށް ރައްކާތެރި ކުރެވެމުން އައި ދުނިޔޭގެ އެންމެ ކުޑަ އެއް މުސްހަފް ރައްކާތެރި ކުުރުމުގައި އޭނާގެ ވާޖިބެެވެ.
ފުޅާ މިނުގައި އެންމެ 0.7 އިންޗި އަދި ބޯ މިނުގައި 1 އިންޗި އެކުލެވޭ އެ މުސްހަފުގައި ކީރިތި ގުރުއާން ލިޔެވިފައިވާ ގޮތަށް ބަލާއިރު އެއީ 19 ވަނަ ގަރުނުގެ ފަހުކޮޅަށް ދާ މުސްހަފެއް ކަމަށް ލަފާ ކުރެވެ އެވެ.
ޕްރޫޝީގެ އަންހެނުން ބުނި ގޮތުގައި އެ އާދައާ ނުލާ އެއާއިލާގެ ދުވަސް މިހާރު ފުރިހަމަ ނުވާއިރު އެ މުސްހަފުން ސަލާމަތާއި ރައްކާތެރި ކަމުގެ އިހުސާސް ކޮށްދޭ އެވެ.
ޕްރޫޝީގެ މުނިކާފަ 1930ގެ އަހަރުތަކުގައި އެމީހުންގެ ގެ އިމާރާތް ކުރަން ބިން ކޮނުމުގެ ތެރޭގައި އެ ކުޑަ މުސްހަފް ފެނުމާއެކު އެއީ ވަކި ފަރާތަކުން ދެއްވި އިރުޝާދެއް ކަމަށް ބަލައި ކުރިން ނަސާރާ ދީނަށް އުޅުނު އެ އާއިލާ އެއްކޮށް އިސްލާމްވި އެވެ.
އޭގެ ފަހުން ދުނިޔޭގެ ހަނގުރާމަތަކާއި އެނޫން ވެސް އެކި ކަންކަމުގެ ތެެރެއިން އެ އާއިލާއިން އެ މުސްހަފު ރައްކާތެރިކޮށްފައިވެ އެވެ. އެގައުމުގައި ވަކި ދީނަކަށް އުޅުން މަނާކުރި ދުވަސްވަރު ވެސް އެ މުސްހަފް ސަލާމަތާއެކު ގެންގުޅުނެވެ. އޭގެ ކުޑަމިން ވީ ގޭގެ ފާސްކުރަން އައި ސިފައިންގެ ލޮލުގައި އެ އަޅައނުގަތް ސަބަބަށެވެ.
ޕްރޫޝީ ބުނީ އެ މުސްހަފް ގަންނަން ދާރުލް އާސާރުތަކުންނާއި ދުނިޔޭގެ ބޮޑަތި މުސްލިމް ގައުމުތަކުން ހުށައަޅާފައިވާ ކަމަށާއި އެހެން ނަމަވެސް މުސްހަފް ވިއްކާލަން ގަސްދު ނުކުރާ ކަމަށެވެ.
އޭނާގެ އާއިލާއިން މިހާތަނަށް މުސްހަފް ރައްކާތެރި ކުރަމުން އައި ގޮތަށް އޭނާގެ ދަރިން ވެސް އެކަން ކުރާނެ ކަމަށް ޕްރޫޝީ ބުންޏެވެ.