އެކި މީހުން މޮޅުވާނީ އެކި ކަންކަމަށެވެ. ކުރިއަރާނީ ވެސް އެކި ގޮތުންނެވެ. މިފަހަރު މިއޮތީ ވަރަށް ތަފާތު ކަމަކުން ދުނިޔޭގެ ރެކޯޑެއް ހާސިލްކުރި މީހެއްގެ ވާހަކަ އެވެ.

ސްވިޑަންއަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ އޮލީ ލުންޑިން ވަނީ އެއްފަހަރު މަތިން 46 ކަށި ގޮއްވައިގެން ދުނިޔޭގެ ރެކޯޑެއް ހަދާފަ އެވެ.

ގިނަ ތަމްރީނުތަކަކަށްފަހު އޮލީ 46 ކަށިކޮޅު ގޮއްވާފައިވަނީ ތިން މިނެޓުގެ ތެރޭގަ އެވެ. މިތިން މިނެޓު ތެރޭގައި ކޮންމެ ގޮވުމެއްގެ ދެމެދުގައި ހޭދަވީ ތިން ސިކުންތެވެ.

ކަށި ގޮއްވުމުގައި އަވަސް އަރުވާލުމުގެ ބަދަލުގައި އޭނާ ގެންގުޅުނީ ލަސް ފަރުވާތެރި އުކުޅެކެވެ. މިގޮތުގެ މަތިން އޭނާގެ ހުޅުތަކަށް ގެއްލުން ނުވެ ސަލާމަތްވި އެވެ.

އޭނާ މި ލަގަބު ހޯދާފައި މިވަނީ މީގެ ކުރިން 40 ކަށިކޮޅު އެއްފަހަރު މަތިން ގޮއްވައިގެން އެ ރެކޯޑު އޮތް ނޭޕާލްއަށް ނިސްބަތްވާ ކަމާލް ޕޮކަރޭލްގެ ރެކޯޑު މުގުރާލުމަށް ފަހުގަ އެވެ.

އޮލީ ބުނީ ކިތަންމެ ވަރަކަށް ފަރިތަކުރި ނަމަވެސް ޕްރެޝަރުގައި އެކަން ކުރަން އުނދަގޫވި ކަމަށާއި އެހެން ނަމަވެސް ކާމިޔާބު ލިބިފައިވާ ކަމަށެވެ.