ދިވެހިރާއްޖެ އާއި ޗާގޯސް އައިލެންޑްސްއާ ދެމެދު ކަނޑުގެ ސަރަހައްދުން ފުށުއަރާ މައްސަލާގައި ރާއްޖެއިން ނަގަހައްޓާފައި ވަނީ ގައުމުގެ އެންމެ މަތީ މަސްލަހަތު ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.
ރާއްޖެ އާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ހާއްސަ އިގްތިސާދީ ސަރަޙައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ދިވެހިރާއްޖެ އިން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން އިއްޔެ ވަނީ ނިންމާފައި އެވެ.
އެ ނިންމުމަކީ ރާއްޖެއަށް އެންމެ ފައިދާ ހުރި ނިންމުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ ރޭ ވިދާޅުވެފަ އެވެ.
ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިޓްލޮސްގައި ކުރިއަށް ދިޔަ މައްސަލާގައި ދިވެހިރާއްޖެއިން ނަގަހައްޓާފައި ވަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ކަމަށެވެ.
ރާއްޖެއާ އެއްކޮޅާށް އެމައްސަލަ ނިމުމަކީ ލިބުނު ކާމިޔާބީއެއް ކަމަށް ބުނެ އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ އިގްތިސާދި އަދި ސަލާމަތީ މަސްލަހަތު ބެލެހެއްޓުމުގެ ފުރިހަމަ އިހްތިޔާރާއި ގާނޫނީ ބާރު ދިވެހި ދައުލަތަށް ލިބިގެން ހިނގައްޖެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން އިން ވަކިކުރެވިފައިވާ ފުރިހަމަ ގައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅިގެން ދިއުމަކީ, ދިވެހި ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ.
މިއީ ރާއްޖެއަށް ލިބުނު ކާމިޔާބީއެއް ކަމަށް އެމްޑީޕީ އާއި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ވާހަކަ މިއާ މުޅީން ހިލާފެވެ. ރައީސް ނަޝީދު ވިދާޅުވީ އިޓްލޮސްގެ ނިންމުމާ އެކު ޗާގޯސްގެ އަތޮޅުތަކުގެ ސިޔާދަތީ ބާރު ރާއްޖެއިން ދޫކޮށްލުމުން މިހާރު މި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައި ކަމަށެވެ. އަދި އެ ނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 94،000 އަކަމީޓަރުގެ ބައެއް ގެއްލިފައިވާ ކަަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އޭގެ އިތުރުން ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ އެނިންމުން ބަލައި ނުގަތުން ކަމަށެ ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
މީގެ ކުރިން އެސަރަހައްދުގައި ރާއްޖެއާސް ލިބިފައި ވަނީ 12 މޭލެވެ. އެހެން ނަމަވެސް އިޓްލޮސްގެ ނިންމުމާއި އެކު ރާއްޖޭގެ ދެކުނުން ރާއްޖެއަށް 200 މޭލު ލިބިގެންދާނެ އެވެ.