ބޮލީވުޑުގެ މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރަކީ މީޑިއާއާ އެހާ ރައްޓެހި މީހެއް ނޫން ނަމަވެސް އޭނާ މީޑިއާއަށް ދޭ އިންޓަވިއުތަކަކީ ވަރަށް ބޮޑަށް މަޝްހޫރު ވެގެންދާ އިންޓަވިއުތަކެކެވެ. އެގޮތުން އެންމެ ފަހުގެ ވާޗުއަލް ޗެޓް ސެޝަނެއްގައި ރަންބީރު ކަޕޫރާ ސުވާލުކޮށްފައި ވަނީ "ބްރަހަމާސްޓްރާ" ނޫން އެހެން ރަނގަޅު ސީކުއެލްއަކަށް ހެދޭނެ ކަމަށް ހީވާ ފިލްމަކީ ކޮބައިތޯ އެވެ.
އެ ސުވާލުގެ ޖަވާބުގައި ރަންބީރު ބުނެފައި ވަނީ އޭނާ ބޭނުން ވަނީ "ޔޭ ޖަވާނީ ހެ ދީވާނީ" ސީކުއެލް ހަދަން ކަމަށެވެ. އަދި ފިލްމު ސެޓް ކުރާނީ 10 އަހަރު ކުރިއަށް ކަމަށާއި ފޭނުންނަށް ފެނިގެންދާނީ މައިގަނޑު ކެރެކްޓަރުން އެމީހުންގެ ހަޔާތުގައި ތިބި ތަންތަން ކަމަށް ވެސް ރަންބީރު ބުންޏެވެ.
ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް އަޔާން މުކަރްޖީ ލިޔެ، ޑައިރެކްޓްކޮށް 2013 ގައި ގެނެސްދިން ފިލްމު "ޔޭ ޖަވާނީ ހެ ދީވާނީ" އަކީ ބޮލީވުޑްގައި ކާމިޔާބުތަކެއް ހޯދި ފިލްމެކެވެ.
އެންމެ ރީތި އަދި އެންމެ ކާމިޔާބު އަސަރުގަދަ ލޯބީގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމުގެ ލީޑްރޯލުން ފެނިގެން ގޮސްފައިވަނީ ރަންބީރް ކަޕޫރާއި ދީޕިކާ ޕަދްކޯން އެވެ.
ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު އެ ފިލްމަކީ ރަންބީރާއި ދީޕިކާ ރައްޓެހިވެގެން ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށް ފަހު، ވަކިވި ފަހުން އެކީގައި ކުޅުނު ފުރަތަމަ ފިލްމެވެ. އަދި އެ ސަބަބާ ހުރެ ވެސް "ޔެ ޖަވާނީ ހޭ ދީވާނީ" އަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ފިލްމެކެވެ.
ބޮކްސް އޮފީހުގައި 319 ކްރޯޑް ރުޕީސް (45 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމުގެ ކާސްޓްގައި އަދިތިޔާ ރޯއި ކަޕޫރާއި ކަލްކީ ކޮއެޗްލިން ވެސް ހިމެނެ އެވެ.
"ޔެ ޖަވާނީ ހޭ ދީވާނީ" އަކީ އޭގެ ލަވަތައް ވެސް ވަރަށް މަޝްހޫރުވި ފިލްމެކެވެ. އޭގެ ތެރޭގައި "ބައްތަމީޒް ދިލް" އާއި "ބަލަމް ޕިޗްކާރީ" އާއި "ދިއްލީވާކީ ގާލްފްރެންޑް" އާއި "ޕިރް ކަބީރާ" އަދި މަދޫރީ ޑިކްސިޓް ފެނިގެން ދިޔަ ހާއްސަ ލަވަ "ގާގްރާ" ފާހަގަކޮށްލެވެ އެވެ.
މާޗްގައި ރިލީޒްކުރި "ތޫ ޖޫޓީ މޭ މައްކާރް" އަށް ފަހު ރަންބީރްގެ ކުރިއަށް އޮތް ފިލްމަކީ އޮގަސްޓަށް ތާވަލުކޮށްފައިވާ "އެނިމަލް" އެވެ.