ޖެކީ ޗެންއަކީ ދުނިޔޭގެ އެތައް ބައެއްގެ ލޯބި ހޯދާފައިވާ ތަރި އެކެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެދީފައިވާ ޖެކީގެ މިލްކިއްޔާތުގައި 2023 ވަނަ އަހަރު ގާތްގަނޑަކަށް 400 މިލިއަން އެމެރިކާ ޑޮލަރު ހުންނާނެ ކަމަށް ބެލެވޭއިރު ޖެކީއަކީ ދުނިޔޭގެ އެންމެ މުއްސަނދި ފިލްމީ ތަރިންގެ ތެރެއިން ގުނާލެވޭ ތަރި އެކެވެ.

އެހެން ނަމަވެސް ޖެކީ ނެތް ދުނިޔެއެއްގައި އޭނާގެ މިލްކިއްޔާތުން ކުޑަ ނަމަވެސް ހިއްސާއެއް އޭނާގެ ދަރިފުޅު ޖޯސީއަށް ނުލިބޭ ގޮތަށް ޖެކީ ވަނީ ނިންމާފަ އެވެ. އޭގެ ބަދަލުގައި އޭނާގެ މިލްކިއްޔާތު އެއްކޮށް ދާނީ ސަދާގަތުގެ ފަންޑަކަށެވެ.

މި ނިންމުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޖެކީ ބުނީ އޭނާގެ ދަރިފުޅަކީ ގާބިލު މީހެއް ނަމަ އެމީހުން އަމިއްލައަށް ފައިސާ ހޯދާނެ ކަމަށާއި ނޫންނަމަ އޭނާގެ މުދަލާއި ފައިސާ އިސްރާފު ކުރާނެ ކަމަށެވެ.

ޖެކީ އިތުރަށް ބުނެފައިވަނީ އޭނާގެ ދަރިފުޅަށް މުދަލާއި ފައިސާގެ އަގު ދަސްވާނީ ބުރަ މަސައްކަތުން އެ ހޯދައިގެން ކަމަށާއި ތަރިކަ މުދަލުން ލިބޭ ހިއްސާއިން އޭގެ އަގު ވަޒަން ނުކުރެވޭނެ ކަމަށެވެ.

މިކަހަލަ ވާހަކަތަކެއް ފެންމަތިވެފައި ވަނިކޮށް ޖޯސީ ވަނީ އޭނާގެ ބައްޕަގެ މުދަލުން ޒައްރެއްގެ މިންވަރު ވެސް ބޭނުންނުވާ ކަމަށް ބުނެފަ އެވެ.

ޖެކީ ޗެންގެ އިތުރުން މަޝްހޫރު އެހެން ބައެއް ތަރިން ވެސް ވަނީ ސަދަގާތަށް މުދާ ހުށައަޅާފަ އެވެ. ނުވަތަ ދަރިންނަށް ތަރިކަ މުދާ ހައްގުވުމުގައި ޝަރުތުތަކެއް ކަނޑައަޅާފަ އެވެ.