ތުރުކީގައި އިއްޔެ ބޭއްވި އިންތިޚާބުގެ ވޯޓު ގުނުން ނިމުމަކަށް އަންނަމުން ދާއިރު އެއްވެސް ކެންޑިޑޭޓަކަށް ފުރިހަމަ އަޣުލަބިއްޔަތު ލިބޭނެކަމާ މެދު ޝައްކު އުފެދިއްޖެ އެވެ.
ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ބޮޑު ތަފާތަކުން ރައީސް އުރުދުޣާން ކުރީގައި އުޅުއްވި ކަމުގައި ވިޔަސް އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ބޭނުންވާ %50 ވޯޓު ހަމައެއް ނުވެ އެވެ. ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުން ރައީސް އުރުދުޣާނަށް ލިބިވަޑައިގެންނެވީ %49.5 ވޯޓެވެ. އިދިކޮޅު ކެންޑިޑޭޓް ކަމާލް ކްލިޗްދަރޯގް އަށް ލިބިވަޑައިގެންނެވީ %45.0 ޕަސެންޓެވެ. މި ނަތީޖާ ފައިނަލް ނަތީޖާކަމުގައި ވެއްޖެ ނަމަ ދެން ޖެހޭނީ ދެވަނަ ބުރެއްގެ ވޯޓުލުމަކަށްދާށެވެ.
މިފަހަރުގެ އިންތިޚާބަކީ ރައީސް އުރުދުޣާނަށް މިހާތަނަށް ކުރިމަތިވެ ވަޑައިގެންނެވި އެންމެ އުނދަގޫ އިންތިޚާބެވެ. ދެހާސް ސާދާ ވަނަ އަހަރު ގައުމުގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކަށް ބަދަލު ކުރައްވުމަށް ފަހު ތިން ވަނަ ރިޔާސީ ދައުރަކަށް ކުރިމަތިލައްވާ އިރު ރައީސް އުރުދުޣާނަށް ކުރިމަތިލައްވަން ޖެހިވަޑައިގެންފައި ވަނީ ހަ ޕާޓީގެ މައްޗަށް އެކުލަވާލެވިފައިވާ ކޯލިޝަނަކާ އެވެ.
ރައީސް އުރުދުޣާން ވަނީ އެމަނިކުފާނުގެ ޒައާމަތުގައި ތުރުކީ، ޔޫރަޕްގައި އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބާރުގަދަ ގައުމަކަށް ހައްދަވައިފަ އެވެ. ގައުމުގެ ރައީސަކަށް ވެވަޑައިގެންނެވުމުގެ ކުރިން ރައީސް އުރުދުޣާން ވަނީ ޕްރައިމް މިނިސްޓަރުކަމުގެ މަގާމު 2003 ވަނަ އަހަރުން 2014 ވަނަ އަހަރާ ހަމަޔަށް ފުރުއްވަައިފަ އެވެ. އުރުދުޣާން ފާހަގަ ކުރެވިފައި ވަނީ ތުރުކީގެ ވެރިކަމަށް ސިފައިން ފޯރުވަމުން ގެންދިޔަ ނުފޫޒު ހުއްޓުވައި އެގައުމުގެ ވެރިކަން އިސްލާމީ އުސޫލުތަކާ ގާތަށް ގެންދެވި ބޭފުޅެއްގެ ގޮތުގަ އެވެ. އެމަނިކުފާނުގެ ޒަމާންވީ ވެރިކަމުގައި ގައުމުގެ އިގުތިސާދު ބަދަލުކޮށްލައްވައި ޔޫރަޕްގެ ކުރި އަރާފައިވާ އިގުތިސާދީ ބާރަކަށް ތުރުކީ ހެއްދެވި އެވެ.
އިއްޔެގެ ވޯޓުގެ ނަތީޖާ ދައްކާ ގޮތުން ދެވަނަ ބުރަކަށް ދާއިރު އެންމެ މުހިންމު ވާނީ ތިންވަނަޔަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތް ކެންޑިޑޭޓު ކަމުގައިވާ އޭޓީއޭ އެލަޔަންސްގެ ލީޑަރު އޮގާން އެވެ. އެ އިއްތިހާދުން ވަނީ ފަސް ޕަސެންޓު ވޯޓު ކާމިޔާބު ކޮށްފަ އެވެ.
އިދިކޮޅު ލީޑަރު ކަމާލް ކްލިޗްދަރޯގް ވިދާޅުވީ ދެވަނަ ބުރަކަށް ހިނގައްްޖެ ނަމަ އިންތިޚާބު ފަސޭހަކަމާ އެކު ކާމިޔާބު ކުރައްވާނެ ކަމަށެވެ.
ޓުވިޓާގައި އާންމު ކުރެއްވި ބަޔާނެއްގައި އުރުދުޣާން ވަނީ ވޯޓުލާން ނުކުތް ހުރިހާ ފަރާތްތަކަށް މަރުހަބާ ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ އިއްޔެގެ ވޯޓުން އެނގުނީ ތުރުކީގެ ޑިމޮކްރަސީ ފުރިހަމަވެ ފައްކާވެފައިވާ ކަމެވެ. ފާއިތުވެދިޔަ ތަނުގައި ވެސް އަމަލު ކުރެއްވި ފަދައިން މިފަހަރުގެ އިންތިޚާބުގައި ވެސް ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރައްވާނެ ކަމުގައި ވިދާޅުވަމުން އެމަނިކުފާނުގެ ޕާޓީއަށް ލިބި ވަޑައިގެންނެވި ކާމިޔާބީ ފާހަގަ ކުރެއްވި އެވެ.
ތުރުކީގެ އިންތިޚާބުގެ ވޯޓުލުން ދެވަނަ ބުރަކަށް ދާގޮތަށް ހަމަޖެހިއްޖެ ނަމަ އިންތިޚާބު އޮންނާނެ ކަމަށް ބެލެވެނީ މިމަހު 28 ގަ އެވެ.