މުނިފޫހިފިލުވުމުގެ ދާއިރާގެ އެންމެ ޝަރަފްވެރި އެއް އިވެންޓުގެ ގޮތުގައި ފާހަގަކުރެވޭ ކާން ފިލްމު ފެސްޓިވަލް އަންގާރަ ދުވަހު ފްރާންސްގެ ކާންގައި ވަނީ ފަށާފަ އެވެ. ފިލްމާއި ފެޝަންގެ އެންމެ މަޝްހޫރު މީހުން ބައިވެރިވާ މި އިވެންޓުގައި ދުނިޔޭގެ އެކިކަންކޮޅުތަކުން ފަންނާނުން ބައިވެރިވެ އެވެ. އެގޮތުން ބޮލީވުޑްގެ މަޝްހޫރު ފަންނާނުންވެސް މިފަހަރުގެ ފެސްޓިވަލުގައިވެސް ބައިވެރިވެ އެވެ.
އެގޮތުން ކޮންމެ އަހަރަކުވެސް އޮންނަ ކާން ފިލްމު ފެސްޓިވަލުގައި ބައިވެރިވާ ބޮލީވުޑްގެ ތަރިޔަކީ އައިޝްވާރިޔާ ރާއީ އެވެ. މިއީ އޭނާ މިފެސްޓިވަލުގައި ބައިވެރިވާތާ 21 ވަނަ އަހަރު އެވެ.
މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލްގައި އައިޝްވާރިއާގެ ފުރަތަމަ ފެނިލުން މިދިޔަ ބުރާސްފަތި ދުވަހު ދައްކާލާފައިވާއިރު އޭނާ ލައިގެން ހުރީ ބޮޑު ހޫޑީއެއް ލާފައިވާ ގައުނެކެވެ. ރިހި ފާދަކަށް ހަދާފައިވާ މިހެދުމުގެ ކުރިމަތީގައި ކަޅުކުލައިގެ ބޮޑު ޓައީ އެއް ޖަހާފައިވެ އެވެ.
މިހެދުމާއި އެކު އައިޝްވާރިޔާ ފެނުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެގެން ގޮސްފަ އެވެ. ޓްވިޓާގައި އައިޝްވާރިޔާއަށް ގިނަ ބަޔަކު އަންނަނީ މަލާމަތް ކުރަމުންނެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގައި އައިޝްވާރިޔާގެ ހެދުމަށް ޖޯކް ޖަހައް މީމްތައް ވެސް އަންނަނީ ދައުރުކުރަމުންނެވެ.
އެ ހެދުމުގެ އަޅައިގަންނަ ކަހަލަ އެއްވެސް ގޮތެއް ނެތް ކަމަށާއި އެ ފެނުނީ ބަލާލަން ވެސް ވަރަށް ހުތުރުކޮށް ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ. އަނެއް ބަޔަކު ބުނީ ހީވަނީ އަވަސް އަރުވާލައިގެން އަންނަމުން އައިޝްވަރިޔާ ބަދިގެއިން އެލްމެނިއަމް ފޮއިލްގަނޑެއް ނަގައި ބޮލުގައި އަޅައިގެން އައިސް ހުރި ހެންނެވެ.
1994 މިސް ވޯލްޑް އައިޝްވާރިޔާ ކާންސްގައި ބޭނުންކުރި ބައެއް ހެދުންތަކާއި ކޮށްފައިވާ މޭކަޕްތަކަށް ވެސް ފާޑުކިޔުންތައް މީގެ ކުރިންވެސް ވަނީ އަމާޒުވެފައިވެ އެވެ.
ކާން ފެސްޓިވަލުގެ ރެޑް ކާޕެޓުން މި އަހަރު ފެންނާނެ އިންޑިއާގެ އެހެނިހެން ސެލެބްރިޓީންގެ ތެރޭގައި ސާރާ އަލީ ޚާން، އަނުޝްކާ ޝަރުމާ، ސަނީ ލިއޯން، އަނޫރާގް ކަޝްޔަޕް، ވިޖޭ ވީރްމާ، ކުމާރު ސާނޫގެ ދަރިފުޅު ޝެނަން ކޭ އަދި ސޯޝަލް މީޑިއާ ތަރި ޑޮލީ ސިންގް ހިމެނެ އެވެ.