ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ފައްޓަވައިދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަންނަ މަހު އައްޑޫ ސިޓީއަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އިންޑިއާ ސަރުކާރުގެ އެހީގައި ހިންގާ މަޝްރޫއު ރަސްމީކޮށް އިފުތިތާހުކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ކުރީކޮޅު ކަމަށެވެ. އެހެންވެ އެކަމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއަށް ގާތްގަނޑަކަށް 29.7 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވާނެ އެވެ.
މި މަޝްރޫއުގެ ދަށުން 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭވަރުގެ ޒަމާނީ ވަސީލަތްތަކާ އެކުގައި އެއާޕޯޓްގެ ޕެސެންޖާ ޓާމިނަލް ތަރައްގީ ކުރަން ވަނީ ހަމަޖެހިފަ އެވެ.
މަޝްރޫއުގެ މަސައްކަތް ނިންމަން ހަމަޖެހިފައި ވަނީ 2025 ވަނަ އަހަރު އެވެ. ރައީސް ސޯލިހު އެންމެ ފަހުން އައްޑޫ ސިޓީއަށް ވަޑައިގަތީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެމަނިކުފާނު މީގެކުރިން ވިދާޅުވެފައި ވަނީ އައްޑޫ ތަރައްގީނުވެ ރާއްޖެ ތަރައްގީނުވާނެ ކަމަށެވެ.
އައްޑޫގެ ތަރައްގީއަށް މި ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ހަންކެނޑެ ފަތުރުވެރިކަމުގެ ޕްރޮޖެކްޓް ހިމެނެ އެވެ. އެ މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ފެށިފަ އެވެ.