އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ އެމްޑީޕީގެ ހަރުގެއަށް ދަ ޑިމޮކްރެޓްސް އިން ވަދެ އެތަނުގައި ސިޔާސީ ހަރަކާތް ހިންގާ މައްސަލަ އެމްޑީޕީ އިން ކުށްވެރިކޮށްފި އެވެ.
އެމްޑީޕީގެ ހަރުގެ ހުސްކުރުމަށް އެ އިމަރާތުގެ ވެރިފަރާތުން އެމްޑީޕީއަށް މީގެ ކުރިން ވަނީ އަންގާފަ އެވެ. ހަރުގެ ހުސްކުރަން އެންގީ އެމްޑީޕީ އާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުންނެވެ.
މިއަދު ހަވީރު ދަ ޑިމޮކްރެޓްސްގެ އިސް ބޭފުޅުންތަކެއް ވަނީ އެގޭގެ ވެރިފަރާތް ޝަފިއްޔާ ޒުބައިރުގެ ހާޒިރުގައި އެމްޑީޕީން އެތަނުގައި ހަރުކޮސްފައި ހުރި ތަޅު ހުޅުވާ އެތަނަށް ވަދެފައެވެ. އަދި ހަރުގޭގެ ކުލަ ބަދަލުކުރުމުގެ މަސައްކަތް ދަ ޑިމޮކްރެޓްސްގެ ބޭފުޅުން ވަނީ ފަށަފައެވެ. މީގެ އިތުރަށް އެތަނުގައި ދަ ޑިމޮކްރެޓްސް އަށް މެމްބަރުން ހޯދުމަށް ސޮއިކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފަ އެވެ.
އެކަމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން މާލޭގައި ހިންގަމުން އަންނަ މައި ހަރުގޭގެ ތަޅު ހަލާކުކޮށްލައިގެން ވަދެ އެ ޕާޓީގެ މުދާތަކަށް ގެއްލުންދީ ހަރުގެ ހިސޯރުކުރިކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ހަރުގެއަކީ އެ ގޭގެ ވެރިފަރާތާއެކީ ހެދިފައިވާ އެއްބަސްވުމެއްގެ ދަށުން ގަވާއިދުން ކުލި ދައްކާ މި ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގަމުން އަންނަ ތަނެއް ކަމަށް އެމްޑީޕީން ބުނެ އެވެ.
ހަރުގޭގެ ވެރިފަރާތާއެކު އަނގަބަހުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ނިމެންދެން ހަރުގޭގައި އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގޭނެކަމަށް ގޭގެ ވެރިފަރާތުން ބުނެފައިވާ ކަމަށްވެސް އެމްޑީޕީން ބުނެ އެވެ.
ހަރުގެ ހުސްކުރަން އެންގި މައްސަލަ އެމްޑީޕީން ވަނީ ސިވިލް ކޯޓަށް ވެސް ހުށަހަޅަފައެވެ. އެމްޑީޕީން ބުނީ އެއްބަސްވުމާ ހިލާފަށް ގޭގެ ވެރިފަރާތުން އަމަލުކޮށްފައިވާތީ އެ ޕާޓީއަށް އެއްބަސްވުމުގެ ދަށުން ލިބިދޭ ހައްގުތައް ހިމާޔަތްކުރުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާ އެ މައްސަލައިގެ ޝަރީއަތް ހިނގަނިކޮށް ޝަރީއަތުން ވަކި ގޮތެއް ނިންމުމުގެ ކުރިން ހަރުގެއަށް ބަޔަކު ވަދެ ހިސޯރުކޮށް, އެ ޕާޓީގެ މުދަލަށް ގެއްލުންދީފައިވާ ކަމަށެވެ.
ނޫސްވެރިންނާ ވާހަކަދައްކަމުން އެގޭގެ ވެރިފަރާތްކަމަށްވާ ޝަފީއާ ޒުބައިރު ބުނީ އޭނާ އެންގި އެންގުމަށް އެ ހަރުގެ އަނބުރާ ހަވާލުކޮށްފައިނުވާތީ، ގެއްލުމުގެ ބަދަލު ހޯދަން އެމްޑީޕީއާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށެވެ. އޭނާ ބުނީ އެތަން ހުސްކުރަނީ 15 ބުރީގެ އިމާރާތެއް އެޅުމަށްޓަކައި ކަމަށެވެ.
ޝަފީއާ ބުނީ ދަ ޑިމޮކްރެޓްސްގެ ސިޔާސީ ހަރަކާތް ހިންގަން އެތަން ދޫކޮށްފައިނުވާނެ ކަމަށާއި އެތަން ކުއްޔަށް ދޫކުރީ ވިޔަފާރިވެރިޔަކަށް ކަމަށެވެ.