ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް ފުލުހުން ބޭންކް ސްޓޭޓްމަންޓްތައް ކޯޓު އަމުރެއް ނެތި ހޯދީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް އެމައްސަލައިގެ ދައުވާ ލިބޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފި އެވެ.
މި މައްސަލައިގައި ދައުވާ ކުރަނީ ކުރީގެ ރައީސް ޔާމީނަށާއި އަހުމަދު ކްރިކް ރިޒާ އާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށެވެ. ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިން އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ.
ސަންގެ ދެ ކުންފުނީގެ މައްޗަށް ކޮށްފައި ވަނީ މަނީ ލޯންޑަރިންގެ ދައުވާ އެވެ.
ރައީސް ޔާމީންގެ މައްޗަށް އެ މައްސަލާގައި ދައުވާކުރަނީ އެރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާކުރި ކަމަށް ތުހުމަތުކޮށެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތް ބާއްވާފައި ވަނީ އެ މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކިތައް ބަލައިގަތުމަށް އިއުތިރާޒުކޮށް ޔާމީނއާއި ކްރިކް ރިޒާގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން ވިދާޅުވީ އެ މައްސަލައިގެ ތަހުގީގަށް ފުލުހުން ބޭންކު ސްޓޭޓްމަންޓުތައް ހޯދި ކޯޓު އަމުރެއްގެ ދަށުން ނޫން ކަމަށާ އެކަން ކުރީ ގާނޫނާ ހިލާފަށް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ބޭންކުން އެފަދަ ޒާތީ މައުލޫމާތެއް ހޯދޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަދި ފުލުހުން އެ ބޭންކް ސްޓޭޓްމަންޓުތައް ހޯދީ ސިޓީ އެއް މެދުވެރިކޮށް ކަމަށްވުމުން އެ ހެކި ބަލައި ގަތުމަށް އިއުތިރާޒް ކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވެސް އަދި ކްރިކް ރިޒާ ވެސް ވަނީ އެ ހެކިތައް ބަލައިނުގަތުމަށް އެދިފަ އެވެ.
މީގެ ކުރިން އެމަނިކުފަނުގެ މައްޗަށް ސާބިތުވި ވޮޑުމުލާގެ މައްސަލައިގެ ތަހުގީގަށް ނެގި 2010 ވަނަ އަހަރުން 2011 ވަނަ އަހަރުގެ ބޭންކްސްޓޭޓްމަންޓު ތަކައި ގުޅޭގޮތުންވެސް ސުވާލުކޮށްފަިއވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި މާކުރީގެ މުއާމަލާތްތަކަކަށް ވާއިރު އެކަން އިންސާފުވެރި ނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ އެގޮތަށް ބޭންކްސްޓޭޓްމަންޓުތައް ހޯދީ ސީދާ އެމަނިކުފާނު ފަލީހަތްކުރަން ކަމަށެވެ.
މިމައްސަލާގައި ދައުލަތުން ހުށަހެޅި ހެކި ބަލައިނުގަތުމަށް އެދި ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.
ވ. ފުއްގިރި ކުއްޔަށް ދޫކުރި މުއާމަލާތާ ގުޅިގެން ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގައި ހެކި ބަލައިގަތުމަށް ކުރިމިނަލް ކޯޓުން ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށާއި، ނަމަވެސް އެ މައްސަލަ އަލުން ކުރިމިނަލް ކޯޓަށް ފޮނުވަންޖެހޭ ސަބަބެއް ނެތް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.