ހުޅުމާލޭގައި ޖާހު އިންވެސްޓްމަންޓުން އިމާރާތް ކުރުމުންދާ ހައުސިން މަޝްރޫއު ނިންމުމަށް 30 ދުވަހުގެ ނޯޓިސް އާބަންކޯއިން މިއަދު ފޮނުވައިފި އެވެ.

އާބަންކޯއިން ބުނީ 2017 ވަނަ އަހަރު ހުޅުމާލޭގައި މެދުފަންތީގެ ހައުސިން މަޝްރޫއު ހިންގުމަށް ޖާހު އިންވެސްޓްމަންޓާ ހަވާލުކޮށްފައިވާ މަޝްރޫއު ނުނިމި ގިނަ ދުވަސްތަކެއް ވެފައިވާއިރު، މި މައްސަލަ އިތުރަށް ބެލުމަށް ފަހު ޖާހު އިންވެސްޓްމަންޓަށް މަސައްކަތް ނިންމުމަށާއި، އަބަންކޯއަށް ދައްކަން ޖެހޭ ބިމުގެ އަގު ދެއްކުމަށް 30 ދުވަހުގެ މުއްދަތެއް ދީ ނޯޓިސް ވަނީ އެފަރާތަށް މިހާރު ދީފައިވާ ކަމަށެވެ. އަދި މިގޮތަށް ނޯޓިސް ދިނުމުގެ ކުރިން، އެކި ފަހަރުމަތިން މަސައްކަތްތައް ނިންމުމަށް ގިނަ ފުރުސަތުތަކެއް އެ ކުންފުނިން ޖާހު އިންވެސްޓްމަންޓަށް ދީފައިވާ ކަމަށް އާބަންކޯއިން ބުނެ އެވެ.

ޖާހު އިންވެސްޓްމަންޓްސް އިން ހުޅުމާލޭގައި ފްލެޓް އެޅުމަށް ހަވާލުކޮށްފައި ވަނީ 2017 ވަނަ އަހަރު އެވެ. ފަސް އަހަރު ވެގެންދިޔައިރުވެސް އެފްލެޓް ނިމޭ ގޮތެއް އަދިވެސް ނުވެ އެވެ. އެ ތަނުން 83 އެޕާޓްމަންޓް ހަދާއިރު ހިމެނެނީ 2+1 އާއި 3 އަދި 3+1 ގެ އެޕާޓްމަންޓްތަކެކެވެ.

އެ ފްލެޓްތަކުގެ މަސައްކަތް ނިންމައި ހަވާލުކުރާނެ ކަމަށް ބުނެ އެކި މުއްދަތުތައް ދިނެވެ. އެންމެ ފަހުން ބުނެފައި ވަނީ މިދިޔަ އަހަރު ޑިސެމްބަރުގައި ބައެއް އެޕާޓްމަންޓުތައް ހަވާލުކުރާނެ ކަމަށެވެ.

ދަ ގާޑަންސް'ގެ މަސައްކަތް ލަސްވާތީ އެޕާޓްމަންޓް ގަންނަން ފައިސާ ދެއްކި ބައެއް މީހުން ވަނީ އެމައްސަލަ ފުލުހުންނަށް ވެސް ހުށަހަޅާފަ އެވެ.