އެމްޕީއެލްގެ ހަރަދުގައި ހައްޖަށްދިޔުމުގެ ފުރުސަތު އެ ކުންފުނީގެ ތިން މުވައްޒަފަކަށް ދީފި އެވެ.
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު ތިން މުވައްޒަފުންނާ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވަނީ މިއަދު ބައްދަލުކުރައްވައި ހައްޖު ދަތުރު ހަމަޖެހުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވާފަ އެވެ.
މި އަހަރު އެމްޕީއެލް އިން ހައްޖަށް ފޮނުވާ ތިން މުވައްވައްޒަފުން
- މުހައްމަދު އަގްލީމް، ސީނިއާ ފައިނޭންސް އެގްޒެކެޓިވް
- އައިޝަތު ސުނީޒާ، ސީނިއާ އެގްޒެކެޓިވް
- އިބްރާހީމް ވަހީދު، ޖެނެރަލް މެނޭޖަރު
އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މިފަހަރުގެ ހައްޖު ދަތުރު ލިބުނު ތިން މުވައްޒަފުންނަކީ ވެސް ވަރަށް ދިގު މުއްދަތަކަށް ކުންފުންޏަށް ޚިދުމަތް ކޮށްދީފައިވާ މުވައްޒަފުންތަކެއް ކަމަށެވެ. އަދި ހައްޖާއި އުމްރާއަށް މުވައްޒަފުން ފޮނުވުމަކީ ކުންފުނިން ވަރަށް ބޮޑަށް އިސްކަމެއްދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުންފުނީގެ ސީއެސްއާރްގެ ދަށުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު މި ކުންފުނީގެ މުވައްޒަފުންތަކަކަށް ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި މުވައްޒަފުން މި ކުންފުންޏަށް ވަރަށް ދިގު މުއްދަތަކަށް ކޮށްދީފައިވާ ހިދުމަތް އަޅުގަނޑު ފާހަގަކުރަން،" ޝާހިދު ވިދާޅުވި އެވެ.
އަމާޒަކީ އަންނަ އަހަރު ފަސް މުވައްޒަފަކު ހައްޖަށް ފޮނުވުން ކަމަށް ޝާހިދު ވިދާޅުވި އެވެ.
"މި އަހަރު ވެސް ހައްޖު ކޯޓާގެ ތެރެއިން އަޅުގަނޑުމެންނަށް ތިން ޖާގަ ލިބުނީ ވަރަށް ބުރަ މަސައްކަތުން. ކުރިއަށްއޮތް ތަނުގައި ވެސް އަޅުގަނޑުމެންގެ އަމާޒަކީ ކޮންމެ އަހަރަކު ވެސް ހައްޖު އަދި އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތުތައް މުވައްޒަފުންނަށް ދިނުން،" ޝާހިދު ވިދާޅުވި އެވެ.
ހައްޖު ދަތުރު ލިބުނު ތިން މުވައްޒަފުން ވެސް ވަނީ އެ މީހުންނަށް އެ ފުރުސަތު ފަހިކޮށްދިން ކަމަށްޓަކައި އެ ކުންފުންޏަށް ޝުކުރުއަދާކޮށްފަ އެވެ.
އެމްޕީއެލް އިން ބުނިގޮތުގައި، އެ ތިން މުވައްޒަފުންނަކީ އެމްޕީއެލްގެ ހައްޖު އަދި އުމްރާ ޕޮލިސީގެ ދަށުން ހައްޖުގެ އަޅުކަން އަދާކުރުމަށް ހުށަހެޅި މުވައްޒަފުންގެ ތެރެއިން ހޮވުނު ތިން މުވައްޒަފުން ކަމަށެވެ. އެމްޕީއެލްގެ ހައްޖު އަދި އުމްރާ ޕޮލިސީގެ ދަށުން ހައްޖުގެ އަޅުކަން އަދާކުރުމަށް ކުރިމަތިލެވޭނީ ކުންފުނީގައި މެދުނުކެނޑި 15 އަހަރު ނުވަތަ 15 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރަމުންދާ މުވައްޒަފުންނަށެވެ.