ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތައް ވަކި ބަޔަކު ބޭނުންވީމާ ހުއްޓޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގައި އިތުރު ކަމެއް ކުރިއަށް ނުގެންދެވޭނެ ކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ނައިބު ރައީސް އީވާ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. އީވާ މަގާމުން ވަކިކުރުމުގެ މައްސަލައިގައި އެމްޑީޕީގެ 50 މެންބަރުން ސޮއިކުރި އެވެ.
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އާދިއްތަ ދުވަހަށް އެޖެންޑާކުރި އެވެ. ނަމަވެސް މައްސަލަ އެޖެންޑާއިން ނެގީ މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާލުމުގެ މަސައްކަތް ނުނިމޭތީ އެވެ. މި އަންނަ އާދިއްތަ ދުވަހަށް އީވާގެ މައްސަލައިގެ ނޯޓިސްގެ މުއްދަތު ހަމަވާނެ އެެވެ.
އާދީއްތަ ދުވަހު ބާއްވަން ކުރިން އެޖެންޑާ ކުރި ނަމަވެސް، ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލާ ނުނިމޭތީ އީވާގެ މައްސަލަ ވަނީ މަޑުޖެހިފަ އެވެ. މީގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝަހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް މަޖިލީހުގައި މަޑުޖެހިފައިވަނީ ކޮމެޓީތައް އެކުލަވާލާ ނުނިމޭތީ އެވެ.
އެކަމާ ގުޅިގެން އެމްޑީޕީ ޕީޖީ ގުރޫޕުން މިއަދު ބެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ލީޑަރު އަސްލަމް ވިދާޅުވީ ވަކި ބަޔަކު ބޭނުންވެގެން މަޖިލީހުގެ ކޮމެޓީތައް ހުއްޓިފައި އޮތުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރާގޮތުގެ ވާހަކައެއް ނޫން އެއީ. މަޖިލީހުގެ ގަވާއިދުގައި ސާފު ބަހުން ލިޔެވިފައިވާ ގޮތް 106 ވާއްދާގެ (ހ) ގައި ދާއިމީ ކޮމެޓީތަކަކީ އަބަދުވެސް ދެމި އޮންނަ އަދި ވަކި މަސްއޫލިއްޔަތު ތަކެއް ހަވާލުކުރެވިފައިވާ ކޮމެޓީތަކެއް. އެ ކޮމެޓީއަށް މެމްބަރުން ހަމަޖެއްސުމަށް މަޖިލީހުން ފާސް ނުކުރާހާ ހިނދަކު އެ ކޮމެޓިގައި ތިބި މެމްބަރުން ދެމިތިބޭނެ،" އަސްލަމް ވިދާޅުވި އެވެ.
އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީން 50 މެމްބަރުންގެ ސޮޔާ އެކު ހުށަހަޅާފައިވާއިރު ގަވައިދުގައި ބުނާ 14 ދުވަހުގެ ނޯޓިހުގެ މުއްދަތު އަންނަ އާދީއްތަ ދުވަހަށް ހަމަވާތީ، ކުރިން ވަނީ އާދިއްތަ ދުވަހަށް މަޖިލީހުގައި އެ މައްސަލަ އެޖެންޑާ ކޮށްފަ އެވެ. އެހެން ނަމަވެސް ފަހުން އެ މައްސަލަ ވަނީ އެޖެންޑާއިން ނަގައިފަ އެވެ.
އަސްލަމް ވިދާޅުވީ އެޖެންޑާ އިން އެ މައްސަލަ ނެގީ މަޖިލީހގެ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންގެ ނިސްބަތަށް އައި ބަދަލާ ގުޅިގެން ކޮމެޓީތަކަށް އަދި މެމްބަރުން ހަމަޖެހިފައި ނުވާތީވެ އާންމު ކޮމެޓީން ބަހުސް ކުރާނެ ވަގުތު ކަނޑަނޭޅިފައި އޮތުމުން ކަމަށް ބުނެ ކަމަށެވެ.
އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައިވަނިކޮށް އަދި އެބޭފުޅުންނަށް ފޮނުވާ ނޯޓިސްގެ މުއްދަތު ހަމަވެފައިވަނިކޮށް މަޖިލީހުގައި އެ މައްސަލަތައް ކުރިއަށް ނުގެންގޮސް މަޖިލީހުގައި އިތުރު މައްސަލައެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
މަޖިލީހުގެ ރައީސް ބޭނުންފުޅުވެގެން، މައިނޯރިޓީގެ އެއްބަސްވުމެއް ނެތިގެން ކަމަށްބުނެ މަޖިލީހުގެ ކޮމެޓީތައް ހުއްޓިފައި ބޭއްވޭނެ ޖާގައެއް މަޖިލީހުގަ ނޯންނަ ކަމަށް އަސްލަމް ވިދާޅުވި އެވެ.