ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައިގެ ނޯޓިސް ހަމަވުމާ އެކު މުރައިދޫގެއިން ނުކުމެވަޑައިގަންނަވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން، އެ މަނިކުފާނު އަދިވެސް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީން އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ 54 މެންބަރުންގެ ސޮޔާ އެކު އެވެ. އެ މައްސަލައިގެ ނޯޓިސް ނަޝީދަށް ފޮނުވީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު އެވެ. އެހެންވެ، އެ ނޯޓިސްގެ މުއްދަތު، ބަންދު ދުވަސްތައް ނުލައި ހަމަވާނީ އަންނަ އާދީއްތަ ދުވަހު އެވެ.

މަޖިލިސް ހުއްޓުވާލާފައިވާ މައްސަލާގައި ނަޝީދަށް އަމާޒުކުރާ ފާޑުކިއުންތަކުން މިއަދު ދިފާއުވެވަޑައިގެންނެވިއިރު، މުސާރަ އާއި އިނާޔަތްތައް ނަންގަވައިގެން ދައުލަތުގެ ހަރަދުގައި ހުންނެވި ކަަމަށް އަމިއްލަ ޕާޓީގެ މަޖިލިސް މެމްބަރުން ފާޅުކުރައްވާ ހިތްހަމަނުޖެހުމަށް ވެސް ރައްދު ދެއްވި އެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވުމަށް އުޒުރުވެރިވެވަޑައިގެންނެވިޔަސް، މަޖިލީހުގެ ރައީސަށް ލިބިވަޑައިގަންނަވާ އިނާޔަތްތައް ނެންގެވުމާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، އެ މަނިކުފާނަށް ދީފައިވާ ނޯޓިސް ހަމަވާ ދުވަހު، މަޖިލީހުގެ ރައީސްގެ ގެކޮޅުން ނުކުމެވަޑައިގަންނަވާނެ ކަމަށެވެ.

ރައްްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ. ފޮޓޯ: މަޖްލިސް

"އަޅުގަނޑު މުރައިދޫގޭގައި ހުރުން އެއީ އެއްގޮތަކަށް ވެސް އަޅުގަނޑު ކުރާނެ ކަންކަމެއް ނޫން، ހަމަ ކުޑަކޮށް ވެސް އަޅުގަނޑު ކުރާ ހިތްވާ ކަމެއް ނޫން،" ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދައުލަތުން ހަމަޖައްސާފައިވާ ގެކޮޅު، "މުރައިދޫ" ގޭގައި ހުންނެވުމުގެ ޝައުގުވެރިކަމެއް އެމަނިކުފާނުގެ ނެތް ކަމަށެވެ. ބޭނުންފުޅު ވަނީ އަމިއްލަގެކޮޅު، ކެނެރީގޭގައި ދިރިއުޅުއްވުމަށް ކަމަށެވެ.

"ދެން ރިޔާސަތުގައި އިނދެގެން އަޅުގަނޑު އިނާޔަތްތައް ނަގާނަންތޯ، އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ނޯޓިސް މުއްދަތު ހަމަވާ ދުވަހު މުރައިދޫގެއިން ނުކުންނާނަން. މުރައިދޫގައި ހުރުން އެއީ އެއްގޮތަކަށް ވެސް އަޅުގަނޑު ކުރާ ހިތްވާ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ދެން ރިޔާސަތުގައި އިނދެގެން އަޅުގަނޑު އިނާޔަތްތައް ނަގާނަންތޯ، އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ނޯޓިސް މުއްދަތު ހަމަވާ ދުވަހު މުރައިދޫގެއިން ނުކުންނާނަން. މުރައިދޫގައި ހުރުން އެއީ އެއްގޮތަކަށް ވެސް އަޅުގަނޑު ކުރާ ހިތްވާ ކަމެއް ނޫން،
ރައީސް މުހައްމަދު ނަޝީދު

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެގެ ހުންނަ ގޮތާއި އަނދިރިކަމާއި ހުރިހާ ދިމާލަކުން ލައްޕާހުރި މިންވަރު އެތެރެ ނުފެންނާތީ މީހުންނަށް ނޭނގޭނެ އެވެ.

"އަޅުގަނޑުގެ ސެކިއުރިޓީ ބަލަހައްޓާނެތޯ ނޫންތޯ، ދެން ނުބަލަހައްޓައިގެން މަރާލައިފިއްޔާ ދެން މަރުވެފައި އޮންނާނީ.، މިހާރު ވެސް ކިރިޔާ އަޅުގަނޑު މިހުރީ،" ނަޝީދު ވިދާޅުވި އެވެ.

ދައުލަތުގެ ތިން ބާރުގެ ތެރެއިން މަޖިލީހުގެ ރައީސަށާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެ ހަމަޖައްސައިދިނުމަށް ނިންމައި ގާނޫނަށް ބަދަލު ގެނައީ، ނަޝީދަށް އަމާޒުކޮށް 6 މެއި 2021ގައި ދިން ޓެރަރިސްޓު ހަމަލާއަށް ފަހު އެވެ. އެ ގެ ހުންނަ ސަރަހައްދަކީ ރެޑް ޒޯނެއްގެ ގޮތުގައި ވަނީ ހަމަޖައްސައިފަ އެވެ.