ލޮނުމެދަކީ އަހަރުމެންގެ ކެއްކުމުގައި އާއްމުކޮށް ބޭނުންކުރާ އެއްޗެއް ނަމަވެސް ދުވާ ވަހުންނާއި ދޭ ރަހައިން ރޮލަށް ކެއުމުން ދުރުވާ ބާވަތެކެވެ. އެހެންނަމަވެސް ލޮނުމެދު ރޮލަށް ކެއުމަކީ ވަރަށް ގިނަ ސިއްހީ ފައިދާތައް ލިބޭ ކަމެކެވެ.
ކޮލެސްޓްރޯލް ދަށްކޮށްދޭ
ލޮނުމެދުން ލިބޭ ފައިދާތަކާ ބެހޭ ގޮތުން ހެދި ދިރާސާއެއްގައި ދައްކާ ގޮތުން ކޮންމެ ދުވަހަކު ރޯ ލޮނުމެދު ބޭނުން ކުރާ މީހުންގެ ކޮލެސްޓްރޯލް ފަސް މަސް ދުވަހުގެ ތެރޭގައި ދަށްވެ އެވެ. ނަތީޖާ ފެންނަން ގިނަ ދުވަސް ނެގި ނަމަވެސް ލޮނުމެދު ބޭނުންކުރުމަކީ ދުޅަހެޔޮ ސިއްހަތަކަށް ކުރެވިދާނެ ކަމެކެވެ.
ހަންގަނޑު ރީތިކޮށްދޭ
ރޯ ލޮނުމެދަކީ އޭގައި ހިމެނޭ އެންޓި އޮކްސިޑަންޓްސްގެ ސަބަބުން ހަންގަނޑު ރީތިކޮށް ދަމަހައްޓަން އެހީވާ އެއްޗެކެވެ. ހަންގަނޑުގައި އޮށާޅަ ނުވަތަ ބިހި ނަގާނަމަ ލޮނުމެދު ހިމުންކޮށް ޗަސްކޮށްލުމަށް ފަހު އެތަނެއްގައި އުނގުޅާލާށެވެ. މީގެ އިތުރުން އެއީ އުމުރުން ދުވަސް ވާވަރަަކަށް ހަންގަނޑަށް ރޫއެރުން ވެސް ކުޑަކޮށްދޭ އެއްޗެކެވެ.
ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފަހައްޓައިދޭ
ރޯ ލޮނުމެދުގައި ހުންނަ އެންޓި އިންފްލިމޭޓަރީ މާއްދާތަކުގެ ސަބަބުން ހަށިގަނޑުގައި ލޭ ދައުރުވުން ރަނގަޅު ކޮށްދެ އެވެ. ލޮނުމެދު ކާނަމަ ލޭގެ ޕްރެޝަރު 10 ޕަސެންޓް ދަށްވާ ކަމަށް އެކަމާ ގުޅޭގޮތުން ހެދި ދިރާސާތަކުން ދައްކާފައިވެ އެވެ.