ހޫނު ފެނުން ފެން ވެރުމަކީ މިހާރަކަށް އައިސް އަހަރުމެންގެ ތެރެއިން ވަރަށް ގިނަ ބައެއްގެ އާދަ އެކެވެ. ޒަމާނީ ޓެކްނޮލޮޖީއާއެކު އެފަދަ ވަސީލަތްތައް ފާހާނާތަކުގައި ހަރުކުރެވި ހޫނު ފެނުން ފެން ވެރުމަކީ މިހާރު މާ އުނދަގޫ ކަމެއް ނޫނެވެ. އެހެން ނަމަވެސް އެކަމުން ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކުރެ އެވެ.
އިސްތަށި ފޭބުން
އާދަވެގެން ހޫނު ފެނުން ފެން ވަރާނަމަ ބޮލުގެ އިސްތަށި ފޭބުން ގިނަވެ ތަލަ ވުމުގެ ފުރުސަތު ބޮޑުވެ އެވެ. ސަބަބަކަށް ވަނީ ހޫނުފެން ތިކިތައް ބޮލުގެ އިސްތަށިތަކުގެ ބުޑުގައި ޖެހި އިސްތަށީގެ ބުޑު ހަލާކުވާތީ އެވެ.
ހަންގަނޑު ކުރަކިވުން
އާދަވެގެން ހޫނުފެނުން ފެންވަރާނަމަ ހަންގަނޑުގައި ހުންނަ ތެތްކަން ކެނޑި ހަންގަނޑު ހިކެ އެވެ. އަދި ވަކިން ޚާއްޞަކޮށް ހަމުގެ ތަފާތު މައްސަލަތައް ހުންނަ މީހުން ހޫނުފެނުން ފެންވެރުމުން ހަމުގައި ބިހި ނެގުމާއި އެލާޖިކް ވުމުގެ އިތުރުން ހަންގަނޑު ހިރުވުން ފަދަ އުނދަގޫތަކާއި ކުރިމަތިވެ އެވެ. މީގެ އިތުރަށް އާދަވެގެން ހޫނު ފެނުން ފެންވެރުމުގެ ސަބަބުން ހަންގަނޑުގައި އަވަހަށް ރޫޖެހި ހަންގަނޑުގައި ހުންނަ ވާންކަން ކެނޑި ހަންގަނޑު އެލޭ ގޮތްވެ އެވެ.
ކަންނެތްވުން
ހޫނު ފެނުން ފެންވެރުމުން ހަށިގަނޑަށް ލިބޭ އަރާމުގެ ސަބަބުން ފެންވަރާ ނިމޭއިރު ނިދި އަންނަ ގޮތްވެ އެވެ. ނަތީޖާއަކަށް ވަނީ ނިދި މޫޑަކާއެކު ދުވާލުގެ މަސައްކަތް ފަށަން ޖެހުމެވެ.
ލޭގެ ޕްރެޝަރު މަތިވުން
ލޭގެ ޕްރެޝަރު މަތިވުމުގެ މައްސަލަ ހުންނަ މީހުންނާއި ހިތުގެ ބަލިމީހުން ހޫނުފެނުން ފެންވެރުން އެއްގޮތަކަށް ވެސް ބުއްދިވެރި ނޫން ކަމަށް ސިއްހީ މާހިރުން ބުނެ އެވެ. ސަބަބަކީ ފެނުގައި ހުންނަ ހޫނުގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވާތީ އެވެ.
ދަރިމައިވުމަށް ހުރަސް އެޅުން
ކޮންމެ ދުވަހަކު 15 މިނެޓަށްވުރެ ގިނައިރު ހޫނު ފެނުން ފެން ވަރާނަމަ އަންހެނުންނަށް ދަރިމައިވުމުގެ މައްސަލަތައް ކުރިމަތިވާ ކަމަށް ސައިންސްގެ ދިރާސާތަކުން ހާމަވެފައިވެ އެވެ.