ދުވަސްތައް ފާއިތުވަމުން ގޮސް މި އަހަރުގެ ބޮޑު އީދު ވެސް އައިސް މި ޖެހުނީ އެވެ. އީދުގެ އުފާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފާހަގަ ކުރަމުން ދާއިރު ފާހަގަވާ އެއްކަމަކީ އަހަރު ތަކުގެ ތެރެއިން ދިވެހިންގެ އީދު ފޯރިއަށް އައިސްފައިވާ ބަދަލެވެ.

އިހު ދިވެހިންގެ ޒަމާނުގައި ބޮޑު އީދަކީ އަހަރު ތެރޭގައި އަންނަ އެންމެ ކުލަގަދަ އެއް މުނާސަބަތެވެ. ސަގާފަތާއި އާދަކަދައިގެ ތެރެއިން އެތައް ކަމެއް އީދާ ގުޅިގެންވެ އެވެ.

އެހެން ނަމަވެސް މިއަދު ފެންނަ މަންޒަރަކީ ކާބަފައިންގެ އެ އީދު ފޯރި އުވެމުންދާ ކަމެވެ. ޒަމާންތަކަށް ދެމިގެން އައި އަމިއްލަވަންތަ ދިވެހި ސަގާފަތްތައް މާޒީއާ އެކުވަމުންދާ ކަމެވެ.

ރާއްޖެ ތެރޭގެ ރަށްރަށުގައި އީދު ކުޅިވަރުތައް ނޯންނަ ވާހަކައެއް ނޫނެވެ. އެހެން ނަމަވެސް އެ ކުޅިވަރުތަކުގައި ވި ދިވެހިންގެ އަމިއްލަވަންތަކަން މިހާރު ވަނީ ގެއްލިފަ އެވެ.

އީދު ފެންކުޅިއަށް ބަލާލަމާތޯ އެވެ. ވަޅު އީދު ދުވަހު ހުސް ފެނުން ކުޅެވެމުން އައި އެ ކުޅިވަރު މިހާރު ވަނީ ކުލައާއެކުވެފަ އެވެ. ނޭނގިނަމަވެސް އެހެން ސަގާފަތްތަކުގައި ފާހަގަކުރާ "ހޮލީ"އާ ދާދި އެއްގޮތްވެފަ އެވެ.

މާލި ބަނުން ވެސް ރާއްޖެތެރޭގައި އޮވެ އެވެ. އެހެން ނަމަވެސް މިހާރު މާލި ބަންނަނީ ބޮނބިއާއި ފަނުންނެއް ނޫނެވެ. ޕްލާސްޓިކް ފުޅިއާއި އެކި ޒާތްޒާތުގެ ތަކެތި ބޭނުންކޮށްގެން މާލި ބަނދެފައި ހުންނައިރު ހުޅަނގުގެ "ހެލޮވީން" ފެސްޓިވަލްގެ ހެދުންތަކާ އެއްކަހަލަ އެވެ.

ކޮންމެއަކަސް ދަންނަވަން މިއުޅޭ ވާހަކައަކީ ދިވެހިންގެ އަމިއްލަވަންތަ އީދު ސަގާފަތްތައް އެހެން ސަގާފަތްތަކާ އެއްވެ މަސްހުނި ވަމުން އަންނަ ވާހަކަ އެވެ.

ދިވެހި ސަގާފަތާއި ތާރީހުގެ މި މުހިއްމު ބާބު ދިރުވައި އާލާ ކުރަން އިޖުތިމާއީ އަދި ފަރުދީ ފެންވަރުގައި ވެސް މިހާރު ވަނީ މަސައްކަތް ކުރަން ޖެހިފަ އެވެ.