ބްރެޒިލްއަށް ނިސްބަތްވާ ނޭމާ ޖޫނިއާއަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ފަހުގެ ފުޓުބޯޅަ ތާރީހުގައި ފެނުނު އެންމެ ކުޅަދާނަ އެއް ކުޅުންތެރިޔާ އެވެ. އޭނާއަށް ސަޕޯޓުކުރާ އެތައް ހާސް މީހުންނެއް އުޅެ އެވެ.

އެގޮތުން ނޭމާއަށް ސަޕޯޓުކުރާ ބްރެޒިލްގެ މީހެއްގެ ހުރިހާ މުދަލެއް އެ ކުޅުންތެރިޔާއަށް ހަދިޔާ ކުރަން އެމީހާ މިވަނީ ވަސިއްޔަތް ކޮށްފަ އެވެ.

ކާކުކަން އާއްމުނުކޮށް އެ މީހަކު ވަނީ ނޭމާއަކީ ބްރެޒިލްގެ ނަން މުޅި ދުނިޔޭގައި މަޝްހޫރުކޮށްދޭ ފަރާތެއް ކަމަށާއި އެހެން ކަމުން އޭނާގެ ހުރިހާ މުދަލެއް އެންމެ ހައްގުވަނީ ނޭމާއަށް ކަމަށް ބުނެފަ އެވެ.

"އަހަންނާ ނޭމާއާ ދެމެދު ވަރަށް އެއްގޮތް ކަންތައްތަކެއް އެބަހުރި، އަހަރެންގެ ސިއްހީ ހާލަތު އެހާ ރަނގަޅު ނުވެފައި މުދާ ދޭނެ އެހެން މީހަކު ނެތުމުން މި ނިންމުން ނިންމީ" އެ މީހާ ބުނެފައިވެ އެވެ.

އުމުރުން 30 އަހަރުގެ އެމީހާ އިތުރަށް ބުނީ ނޭމާއަށް މުދާތައް ދޭން ވަސިއްޔަތް ކުރުމުގެ ކުރިން ބްރެޒިލްގެ ޗެރިޓީ ފަންޑެއް ކަމަށްވާ ބްރެޒިލް އިންޓަނޭޝަނަލްއަށް މުދާތައް ހަދިޔާ ކުރަން މަސައްކަތް ކުރި ކަމަށާއި އެހެންނަމަވެސް އެކަން ނާކާމިޔާބު ވެފައިވާ ކަމަށެވެ.

ފޯބްސް މަޖައްލާގައި ބުނާ ގޮތުންނަމަ 85 މިލިއަން ޑޮލަރުގެ އާމްދަނީއަކާއެކު ނޭމާއަކީ ދުނިޔޭގައި އެންމެ ބޮޑު އާމްދަނީ ލިބޭ އެއް ކުޅިވަރު ޝަހްސިއްޔަތެވެ.